ދަރުމަވަންތަ ސްކޫލްގެ ޑިޒައިންގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި، އެކަންކަން ސަރުކާރާއި ހިއްސާކުރިކަމަށްވެސް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެސްޖޭ ކޮންސްޓަރަކްޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައި މިވަނީ މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ކުދިންނާއި ޓީޗަރުންނަށް ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރުވެސް 30 ވަރަކަށް ބިއްލޫރިގަނޑު ތެޅިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި ސަރުކާރުން ވަނީ ހުރިހާ ބިއްލޫރި ދޮރެއް ބަދަލުކުރަންވެސް މިހާރު ނިންމާފައެވެ.

މިކަމާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދިޔަ އެސްޖޭ ކޮންސްޓަރަކްޝަނުން ބުނީ ދޮރުތަކުގައި ބޯ ބިއްލޫރި ޖެހުމަށް ކުރީ ސަރުކާރުގައި މިނިސްޓްރީގައި އެދުމުން ކުރެހުމުގައި ހުރިގޮތަށް މަސައްކަތް ކުރުމަށް އެންގިކަމަށެވެ.



އެސްޖޭއިން ބުނީ މިޕްރޮޖެކްޓަކީ ޑިޒައިންގެ ބޮޑެތި މައްސަލަހުރި ޕްރޮޖެކްޓެއްކަމަށެވެ. އެގޮތުން ފައުންޑޭޝަނުގެ މަސައްކަތް ކުރަނިކޮށް ފައުންޑޭޝަން ފެއިލްވާކަން ފާހަގަކުރެވިގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ރަގަނޅު ކުރަން މިނިސްޓްރީން އެއްބަސްވީ، ފައުންޑޭޝަން އަލުން ރީ ޑިޒައިން ނުކޮށް މަސައްކަތް ނުކުރާނެ ކަމަށް އެންގުމުންކަމަށްވެސް އެސްޖޭއިން ބުނެއެވެ.

"ބައެއް ސިޑިތަކުގެ ރެއިލިންވެސް ނެތް، ސިޑިކާރި ރާނަންވެސް ނެތް. އެކަން ކުރުމަށްވެސް މިނިސްޓްރީން ހުއްދަ ދިނީ ހުޅުވަން ހަފްތާއަކަށްވީފަހުން." އެސްޖޭގެ ބަޔާނުގައިވެއެވެ.

އެސްޖޭއިން ބުނީ ކޮންޓްރެކްޓަރަކީ އަމިއްލަ އަމިއްލައަށް ޑިޒައިނާއި މެޓީރިއަލަށް ބަދަލު ގެނެވޭނެ ފަރާތެއް ނޫންކަމަށެވެ. އަދި ދަރުމަވަންތަ ސްކޫލުގައި ބޭނުންކޮށްފައިވާ ހުރިހާ މެޓީރިއަލަކީ ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި އެއްގޮތަށް ފާސްކޮށްފައިވާ މެޓީރިއަލްތައްކަމަށްވެސް ކޮންޓްރެކްޓަރ ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން