ކައުންސިލްތަކުން އެދޭ، އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތް ހަމަޖެެެއްސުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތްނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތްނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ދަތިތައް ހުރިކަމަށެވެ. އެހެންކަމުން މިގޮތަށް ހުޅުވާލުމަށް ނިންމެވީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދެ ހަމައަކީ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންއާ ދިމާވާ ނިންމުމަކަށްވުމާއެކު އެފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ރައީސް ވަނީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންހިފޭގޮތަށް، އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާގޮތަށް އެފަދަ ފަޅެއް ނުވަތަ ރަށެއް ލިބުމުގެ ފުރުޞަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް އެ ރަށްރަށުގެ އިޚުތިޞާޞް ތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިޚުތިޞާޞް ތެރޭގައި ހިމެނުމަކީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން