ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލަ ދިރާސާ ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗާގޯސް އައިލެންޑްސްގެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެމައްސަލަ ދިރާސާކޮށް އެކަމާ ގުޅުންހުރި ކަންކަން އެޓާނީ ޖެނެރަލްގެ އޮފީހާއި ފޮރިން މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ކެބިނެޓާއި ހަމަޔަށް ވެސް ގެންނަވާނެ ކަމަށެވެ.

"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެ މައުލޫމާތުތައް އެކުލަވާލައި ޕޭޕަރެއް ގެނެވި އެ މައުލޫމާތު މީޑިއާއަށް ވެސް ގެންނާނަން." ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.

އެމައްސަލައާއި ގުޅިގެން އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން ނިންމި ނިންމުމުގައި ބުނެފައިވަނީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެ ނިންމުމުގައި ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅާފައެެވެ. އެ ނިންމުމާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަޔެއް ގެއްލިފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެ ސަރަހައްދު އަނބުރާ ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަން ފާހަގަކުރެވެއެވެ. އެގޮތުން އިޓްލޮސްގެ ނިންމުން ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އިސްތިއުނާފު ކުރުމަށް މި ސަރުކާރުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން