ބާރަށުދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަބްދުﷲ
ބާރަށުދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަބްދުﷲ
އިންޑިއާ ސިފައިން ބޭރު ކުރުމާއި ބެހޭގޮތުން ކޮޕް ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަޝްވަރާތަކުން ވެވިފައިފާ އެއްބަސްވުން ހާމަކުރަންޖެހޭނެ ކަމަށް ބާރަށުދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑުބާއީގައި ބޭއްވި ކޮޕް ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ އެނބުރި ރާއްޖެ ވަޑައިގެން ރާއްޖޭގައި ތިބިކަމަށް ވިދާޅުވި އިންޑިއާ ސިފައިން ބޭރު ކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާތީ އެއެއްބަސްވުން ހާމަކުރުމަށް ގޮވާލާ މެމްބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ރާއްޖޭގެ އިސްތިގުލާލު ގެއްލޭނެހެން ކުރީ ސަރުކާރުން އެގްރީމަންޓްތަކެއް ހަދައިގެން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަންކަން ހާމަކުރައްވާނެކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވީނަމަވެސް، މިހާތަނަށް އައިއިރުވެސް އެކަން ނުވެ އޮތުން މިއީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެ، މިފަދަ ކަންކަމުގައި ތެދު ހަގީގަތް ހާމަކުރުން މުހިންމުކަން އަހުމަދު އަބްދުﷲ ފާހަގަކުރެއްވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގެން ޖެހޭނެ މައްސަލައެއް. މިހާރަކަށް އައިސް ވެރިކަމަށް އައުމަށްޓަކައި ހިންގޭ ކެމްޕޭނުތަކުގައި، ދޮގުހެދުމާއި، އޮޅުވާލުމާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން އިންތިހާއަށް ގޮސްފައިވާތީ އާއި، އަދި ގައުމީ ސަލާމަތަށް ނުރައްކާ ހުރި މިބާވަތުގެ މައްސަލަތަކުގެ ވާހަކަ ދެކެވޭއިރުގައި އެކަމުގެ އަސްލާއި ހަގީގަތް ހާމަވެގެން ދާންޖެހޭނެ." މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

މެމްބަރު އަހުމަދު ވިދާޅުވީ މިހާހިސާބަށް އައި އިރުވެސް ޑރ. މުއިއްޒު ކެމްޕޭނުގައި ވިދާޅުވި ފަދައިން ރާއްޖޭގައި މިލިޓަރީ ސިފައިން ތިބީ ކޮންތާކުތޯ އަދި ކިހާ ސިފައިންނެއްތޯ ތިބީ ވެސް ހާމަކޮށްދެވިފައި ނުވާކަމަށެވެ. އަދި މިމައްސަލައާއި ބެހޭގޮތުން އެކި މީޑީއާ ތަކުންނާއި، އެކި ނިއުސް ކޮންފަރެންސް ތަކުން ލިބިފައިވާ މައުލޫމާތަށް ބަލައިފިނަމަ ސައްހައީ ކޮން މައުލޫމާތެއްކަން އެނގޭކަށް ނެތްކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

"ބައެއްފަހަރަށް 77 އަނެބައެއްފަހަރު ހާހުން ތިބިކަމަށް އަނެއްބައިފަހަރު އެއަށްވުރެ ގިނަ އަދި މުޅި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ އަދަދުގެ ސިފައިން ތިބިކަމަށް، މިފަދަ ބިރުވެރި ވާހަކަތައް އައީ ދެކެވެމުން. މިއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އިންތިހާއަށް ބިރުވެރިކަން އޮތް އަދި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް." މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެގޮތުން މިކަންކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަންކަންކަމަށް އަހުމަދު ވިދާޅުވިއެވެ.

މީގެއިތުރުން ކޮޕް 28 ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި މިކަންކަމާމެދު އެއްބަސްވުމަކަށް ވަޑައިގަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، މިކަންކަމާއި ގުޅުންހުރި އެއްބަސްވުމަކަށް އާދެވިފައިވާނަމަ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެކަމަށް މެމްބަރު އަހުމަދު ވިދާޅުވިއެވެ. އަދި މީގެކުރިން ވެސް މިވާހަކަތައް ރާއްޖޭގެ ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށް ބުނެ ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތަކަށް ބާރު ދިނުމުގެ ގޮތުންވެސް އިންޑިއާ ސިފައިން ބޭރު ކުރުމާއި ބެހޭގޮތުން ހެދިފައިވާ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެކަމަށް މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން