ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއްކަން ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށް އެނގޭނެކަމަށް ކާށިދޫ ދާއިރާގެ މަޖިލީސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މެމްބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި ރާއްޖޭގެ އިސްތިގުލާލު ގެއްލޭނެހެން ކުރީ ސަރުކާރުން އެގްރީމަންޓްތަކެއް ހަދައިގެން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެ، އެކަންކަން ހާމަކުރައްވާނެކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވީނަމަވެސް، މިހާތަނަށް އައިއިރުވެސް އެކަން ނުވެ އޮތުން ފާހަގަކޮށް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑުބާއީގައި ބޭއްވި ކޮޕް ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ އެނބުރި ރާއްޖެ ވަޑައިގެން ރާއްޖޭގައި ތިބިކަމަށް ވިދާޅުވި އިންޑިއާ ސިފައިން ބޭރު ކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާތީ އެއެއްބަސްވުން ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލާ ފައެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއްކަން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި، އަދި މިރާއްޖޭގެ އެއްވެސް ސަރުކާރަކުން ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ފަދަ އަމަލެއް ހިންގާފައިވާކަމަކަށް ގަބޫލު ނުކުރެވޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ނޮވެމްބަރ ތިނެއްގައިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި، އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މަޢުމޫނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ފައިބައިގެން ދިޔަކަން ޖާބިރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން އިންޑިއާގެ އަސްކަރީ އެއްވެސް ޔުނިޓެއްގެ ސިފައިން ރާއްޖޭގައި އޮޕަރޭޓް ނުކުރާކަމަށްވެސް ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގައި ތިބީ ނެތް ވަސީލަތްތަކެއް ގާއިމު ކުރުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބި އިންޑިއާ ސިފައިން ކަމީ އެންމެންނަށްވެސް އެނގޭކަމެއް ކަމަށެވެ.

"ރާއްޖޭގައި ވަސީލަތް ނެތީމާ ވަސީލަތް ގާއިމު ކުރުމަށް ހަރުދަނާ މަސައްކަތްތެރީން ތަކެއް އިންޑިއާއިން މިރާއްޖޭގައި އޮޕަރޭޓްވަމުންދިޔަ ކަން އެނގެމުން އެބަދޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިމައްސަލައިގައި ހަގީގަތުގައިވެސް ކަންކަން ހިނގާދިޔަގޮތް އެނގެން ޖެހޭކަމަށާއި، އެމްޑީޕީގެ ވެރިކަން ނިމުމަކަށް ދިޔައިރު މިއީ އެމްޑީޕީއަށް އެންމެ ބޮޑަށް އިލްޒާމު އެޅުވިގެންދިޔަ ކަންތައް ކަމަށެވެ. އަދި އެއިލްޒާމުގެ ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ގެއްލުން ލިބުނު ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. މިހެންކަމުން، އަލަށް އައި ސަރުކާރުން މީގެ ހަގީގަތް މަޖިލީހަށް ހުށައަޅަން ޖެހޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮންމެ އިންތިހާބެއްގައިވެސް މިފަދަ ވާހަކަ ދައްކައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އޮންނަ ގޮތާއި ހިލާފަށް، ދޮގުހަދައިގެން މަކަރާއި ހީލަތުން ކާމިޔާބު ކުރާކަމީ ކަންބޮޑުވާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން