ކުރިއަށް އޮތް ހަފުތާއަށް ފަހު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާ އަށްފަހު ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރުމަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށާއި އެ ދަތުރުފުޅުގައި ހުރިހާ ރަށަަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ އެކި ގޭގެއަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުތައް ވެސް ދާނެ، ކެބިނެޓްގެ ބޭފުޅުން ވެސް ވަޑައިގަންނަވާނެ، އެހެންވީމަ ރައްޔިތުންނާއި އެކީގައި މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ އެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިއްޔެ ވެސް މެނިފެސްޓޯގައި ހިމެނޭ 10 ކަމެއް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ހުރިހާ ކަމެއް ވެސް ނިންމަން ކަމަށާއި އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތުގެ ފެންވަރާ މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. ކެބިނެޓަށް ބޭފުޅުން ނެގުމުގައި ބެއްލެވީ ރެޔާއި ދުވާލު ހީވާގި ކަމާއެކު މަސައްކަތް ކުރަން ކެރޭނެ ބޭފުޅުން ނެގުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ފަހުރުވެރިވޭ ކެބިނެޓާ ދޭތެރޭގައި. ރައްޔިތުން ބައްލަވަންވީ މިދިޔަ 15 ދުވަސްތެރޭގައި ކިހިނެއްތޯ މަސައްކަތްކޮށްފައި އޮތީ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން