މިއަދު ވެރިކަމަށް ވަޑައިގަތުމަށް ޤައުމިއްޔަތާއި، އިންޑިއާގެ ސިފައިން ވިއްކެވިއިރު، ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ވާހަކައިގެ ރާގު މިއަދު ބަދަލުވެއްޖެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކުއްލި މައްސަލައިގެ ބަހުސުގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ގެއްލޭނެހެން ކުރީ ސަރުކާރުން އެގްރީމަންޓްތަކެއް ހަދައިގެން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެ، އެކަންކަން ހާމަކުރައްވާނެކަމަށާއި، އަދި އިންޑިއާ ސިފައިން މިގައުމުން ބާލާނެކަމަށް މިހާރުގެ ސަރުކާރުން އޭރު ވިދާޅުވެފައިވީ ނަމަވެސް، މިއަދު ވެރިކަމަށް 19 ވަނަ ދުވަސް ފުރޭއިރު، ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ވާހަކައިގެ ރާގު މިއަދު ބަދަލުވެއްޖެކަމަށެވެ.

"ފުރަތަމަ ދުވަހު އިންޑިއާގެ ހަތިޔާރު އެޅި ސިފައިން މިގައުމުން ބާލާނެ ކަމަށް ބުނި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ މިއަދު ބަދަލުވެއްޖެ. އިއްޔެގަ ޕްރެސް ކޮންފަރެންސްގަވެސް ގައުމުގަ ތިބި ސިފައިންގެ އަދަދު އެނގޭ ގޮތެއް ނުވި. ވިދާޅުވެފައިވަނީ އަޅުގަނޑު ބަލަންށޭ ޖެހޭނީ، ހަތްދިހަ ހަތެކޭ، އަށްޑިހަ އަށެކޭ."

މިމޭރުމުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ އޭރު މިސަރުކާރުގެ ބޭފުޅުން ދެއްކެވި ވާހަކަ އަކީ ދޮގެއްކަން މިހާރު ސާބިތު ވަމުންދާކަމަށެވެ.

ޔާސިރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންނަށް ކުޅުދުއްފުށިން ބިމެއް ވިއްކާލާ ވާހަކައާއި، ހަނިމާދޫ އެއަރޕޯޓް އެއްކޮށް އިންޑިއާއަށް ވިއްކާލާ ވާހަކަ އާއި މުޅި ގައުމު އިންޑިއާ އަށް ދޭ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އަސާސެއް ނެތް ވާހަކަ ތަކެއްކަން މިހާރު ދިވެހިންނަށް ހާމަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރުގެ ސަރުކާރުން ވެރިކަމަށް ވަޑައިގަތީ، ކުރީ ސަރުކާރުން ސިއްރު ސިޓީ ތަކަކާއި، އެގްރީމަންޓްތަކެއް ހުރި ކަމަށް ވިދާޅުވެ އެތަކެތި ހާމަކުރާނެ ކަމަށް ވަޢުދު ވަމުންކަމަށްވެސް ޔާސިރު ފާހަގަކުރެއްވިއެވެ.

"ހަގީގަތަކީ ދެހަފްތާ ވެގެންދިޔައީ އެއްވެސް އެގްރީމަންޓެއް، އެއްވެސް ސިޓީއެއްވެސް ހާމައެއް ނުކުރެވުނު."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން