ނިމިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ނުލިބިގެން އަޑުގަދަކުރީ ފޯމް ލީ މީހުންގެ ތެރެއިން 10 މީހުން،ކަމަށާއި އެތަނުގައި ދެން ތިބީ އެކި މީޑިއާތައް ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކޮމިޓީގައި އަކްރަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭން ނިންމި ފުރަތަމަ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރުމުން އެކަމާއި ނުރުހުން ފާޅުކުރަން ހައުސިންގ މިނިސްޓްރީއަށް ގޮސް އަޑުގަދަކުރީ މަދު ބައެއް ކަމަށެވެ.

"މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ." އަކްރަމް ވިދާޅުވިއެވެ.

އެހެންކަމުން، ފްލެޓް ދިނުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިފަދައިން ވިދާޅުވި ނަމަވެސް ފްލެޓްގެ މައްސަލައިގައި ވަރަށް ގިނަ ބަޔަކު ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ ފްލެޓް ދިނުމުގައި ނާއިންސާފުން ޕޮއިންޓް ދީފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ކުރީ ސަރުކާރު ބަދަލުވާން މަދު ގަޑިކޮޅަކަށް ވެފައި ވަނިކޮށް ލައިވްކޮށް ގުރު ނެގިއިރު އެގުރުނެގީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުޞަތު ދިނުމަށް ފަހު އެޝަކުވާތައް ބެލުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވެފައި ވެއެވެ. އޭސީސީން 4،000 ފްލެޓުގެ މައްސަލަ ހުއްޓުވީ ފްލެޓްތަކުގެ ގުރުއަތު ނަގައި ނިމުނު ފަހުންކަން އަކްރަމް ފާހަގަކުރެއްވިއެވެ.

މާލޭގައި ދިރިއުޅޭ މުއްދަތަކީ ހަމައެކަނި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބަލާ އެއްޗެއް ކަމަށާއި މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ނުދޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. ހުށަހެޅި 7000 ޝަކުވާގެ ތެރެއިން ގިނައީ މާލޭގައި ދިރިއުޅޭ މުއްދަތާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި (ގުރުނެގުން) ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ (އޭސީސީއަށް) ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ." އަކްރަމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން