ރައްޔިތުންގެ މަޖިލިސް ރައީސް ކަމުގައި ރައީސް ނަޝީދު އިންނެވި އިރު ކުރި ވައްކަންތައް މަޖިލީހުގައި ފޮރުވާފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ގުޅުން ހުރި މައްސަލަތައް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މިރިޕޯޓަކީ 7 ޑިސެމްބަރ 2019ގައި ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓެކެވެ.

ބަހުސުގައި ވާހަކަދައްކަވަމުން ރޮޒޭނާ ވަނީ މަޖިލީހުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ބޭފުޅުން ރިޔާސަތު ބެލެހެއްޓެވީ ނަޒާހަތްތެރިކަމާއެކު ކަމަށް ވިދާޅުވާއިރު، ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކިތައް ރިޕޯޓު ފޮރުވާފައިވޭތޯ ސުވާލު މުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް މިތަޅުމުގައި ހާމަވަމުން މިދަނީ. ކިތައް ރިޕޯޓުތޯ ކިތައް މައްސަލަތޯ ކިތައް ކަންތައްތޯ މިހަތަރު އަހަރު ވަންދެކަ އެވިދާޅުވާ ނަޒާހާތްތެރި ރިޔާސަތުން ފޮރުވަމުން ދިޔައީ." ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ ނަޒާހަތްތެރިކަމޭ ވިދާޅުވި ރައީސް ނަޝީދުގެ ރިޔާސަތުން ހަތަރު އަހަރު ވަންދެން ކުރި ވައްކަން ފޮރުވަން މަސައްކަތްކޮށްފައި ވާކަމަށެވެ. އަދި ވަކި ބައެއްގެ ކަންކަން ފޮރުވައިގެން ކުރި މަސައްކަތާމެދު އެއްވެސް ރައްޔިތަކު ފަހުރުވެރި ނުވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"ހަތަރު އަހަރު ވަންދެން މި ވައްކަން ފޮރުވައިގެން، އެބޭބެ މިބޭބެއެއް ނުބަލަމޭ، އެބޭބެ ކުރާ ވައްކަމެއް ނޯވެޔޭ، މިބޭބެ ކުރާ ވައްކަމުގެ ވާހަކަ ތިމަންނަ މިތާގަ މިދައްކަނިއްޔޭ، މީހުން ފަހުރު ވެރި ވާން ޖެހޭނޭ." ރޮޒޭނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވައި ރޮޒޭނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު މަޖިލީސް ހިންގާފައިވަނީ އޭރު ރިޔާސަތު ބެލެހެއްޓެވި ރައީސް ނަޝީދު ބޭނުން ފުޅުވި ގޮތަށް، ނަޒާހަތްތެރިކަމެއް ނެތި ކަމަށެވެ.

"ބޭނުން ނުވާ ގޮތައް ކޮމިޓީއަކުން އަންނަ ކޮންމެ ރިޕޯޓެއް ފޮރުވައިގެން މިތިއްބަވަނީ ގާތް މީހުންގެ ވައްކަމާއި ގުޅޭ ކޮންމެ ރިޕޯޓެއް ފޮރުވައިގެން މިތިބެނީ. މިމަޖިލީހަށް ލިބޭ ޑޮކިއުމަންޓް ތަކުން ބޭނުންވާ މީސް މީހުންގެ ނަން ކަނޑާފަ ކޮމިޓީ ތަކަށް ފޮނުވައިގެން ހިންގި ނަޒާހަތްތެރި މަޖިލީހެއް މިއީ ހަތަރު އަހަރު ވަންދެން." ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ ރިޔާސަރުގައި ނަޝީދު އިންނަވައިގެން ކުރި ހުރިހާ ވައްކަމެއް މަޖިލީހުގައި ފޮރުވާފައިވާކަމަށާއި، އަދި ވެރިކަމުގައި އެމަނިކުފާނު ހުންނަވައި ކުރެއްވި ވައްކަންތައްވެސް ފޮރުވާފައިވާކަމަށެވެ.

މީގެއިތުރުން މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ނިންމުންތަކާއި، ރިޕޯޓުތައް މަޖިލީހުގެ ތަޅުމަށް ނުގެނަސް ފޮރުވައިގެން ތިބީ ކީއްވެގެންކަންވެސް އެނގެން ޖެހޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި ރިޔާސަތުގައި އިންނަވައި ކުރެއްވި އެއްވެސް ކަމެއް އޮބިގެން ގޮސްގެން ނުވާނެކަމަށާއި، ކޮމިޓީތަކުން ފޮނުވާ ރިޕޯޓުތައް ރިޔާސަތުން ހިފަހައްޓާފައި ވަނީ ކޮން އުސޫލަކުންތޯ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލަން ޖެހޭނެކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ދޮންއަމާ

06-Dec-2023

ކޮންމެވެސް ބަޔަކު އިންވެސްޓިގޭޓް ކޮށްލަބަލަ , ނޫމަޑިއށް ބަދަލުގޮތުގަ ލިބުނު ރައްޔިތުންގެ ފައިސާ ބައި އަޅަފަ ތިބި މީހުން , ނޫމަޑި އެއް ޑައިރެކްޓަރ ސައީދު އެކައުންޓުން އެގެން ހުންނާނެ މިފައިސާ ޓްރާސްފާ ކޮޑްފަ ހުރި ގޮތް ގޮތް, ހީވެސް ނުކިރާ މީސްމީހުން ބަސްޓުވާނެ



ޓްރެންޑިން