ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މަޖިލީހުގައި އިތުރުފުޅު ހައްދަވައި، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލަ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ގޮވާލައްވައިފިއެވެ.

ފިރުޝާން މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ ކުއްލި މައްސަލައިގައި ބަހުސްކުރެއްވި ބައެއް މެންބަރުން "އިތުރުފުޅުގެ" ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

ފިރުޝާން ވިދާޅުވީ، މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ނިޔާވި ގދ. ހޯޑެެއްދޫ ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމުގައި މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު މަޖިލީހަށް މިނިސްޓަރ އިމްރާން ހާޒިރުކުރި ކަމަށެވެ. ޢަބްދު ﷲ ރަޝީދު މަރުވީ އަވަސް ބޭސްފަރުވާއަށް އޭނާ ފޮނުވުމަށް ފުލުހުން އިހުމާލުވުމުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ޢަބްދުﷲ ރަޝީދަށް ހާޓް އެޓޭކެއް ޖެހިފައިވަނީ މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އޭރު ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުގައި އިމްރާން މަޖިލީހުގައި "އިތުރުފުޅު" ހައްދަވާފައިވާ ކަމަށް ފިރުޝާން ތުހުމަތުކުރެއްވިއެވެ.

"އިމާރާން އަބްދުﷲ އާއި ކުރި ސުވާލުތަކަށް އިތުރުފުޅު ހައްދަވާކަން ފާހަގަވޭ. އިހުމާލެއް ނެތް ކަމަށް އޭރުގެ އިއްޒަތްތެރި ވަޒީރު މި މަޖިލިސް ފްލޯގައި ޖަވާބު ދެއްވިއިރު ވިދާޅުވީ، އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް. އަދި އެކަމުގަ އިތުރުފުޅު ހައްދަވާ މައްސަލަ އޮއްބާލަން މަސައްކަތް ކުރެއްވިކަން އަޅުގަނޑު ތުހުމަތު ކުރަން." ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ އިމްރާންގެ މައްސަލަ ބެއްލެވުމަކީ މަޖިލީހުގައި ޖަވާބުދާރީވާ އެހެން ވަޒީރުންނަށް ފިލާވަޅެއް ދެއްވުމަށް މުހިންމު ކަމެއް ކަމަށެވެ.

މި މައުޟޫގައި އޭނާ އިތުރަށް ވާހަކަ ދެއްކިޔަނުދީ ރިޔާސަތުގައި އިންނެވި މުޙައްމަދު އަސްލަމް ވަނީ ކުއްލި މައްސަަލައިން ބޭރުގެ މައުޟޫއެއް ކަމަށް ފާހަގަކުރައްވާ، އޭނާގެ ވާހަކަ މެދުކަނޑާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން