ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމް ޕްރޮޖެކްޓަކީ، ޔުނާން ޕްރޮވިންސްގައި އަލަށް ހިންގުމަށް ރާވާފައިވާ ހަކަތައާ ގުޅޭ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ، ވައިން ހަކަތަ އުފެއްދުމުގެ 20 މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢެވެ. ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ވިންޑް ފާރމްގެ ކޮންޓްރޯލް ސެންޓަރަށް ވަޑައިގެން، އެތަން ހިންގަމުންދާ ގޮތާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނިމިގެންދިޔަ ކޮޕް28 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަން އިޢުލާނު ކުރައްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން