ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި މައްސަލަތަކެއް ފާހަގަވެގެން ބައެއް ނަތީޖާތައް ބާތިލުކޮށް، އަލުން ވޯޓުލާން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ބާތިލްކުރަން ނިންމީ ޔަންގް ޑިމޮކްރެޓްސް ލީޑަރު ނުވަތަ ޒުވާނުންގެ ގޮފީގެ ލީޑަރު ހޮވަން ވޯޓުލީ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް ނިންމީ ބައެއް ވޯޓު ފޮށިތަކަށް ވޯޓުލީ މީހުންގެ އަދަދު، އެ ދާއިރާތަކުގައި ތިބި މެމްބަރުންގެ އަދަދަށް ވުރެ އިތުރުވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހެދިފައިވާ ގޯހަކުން ދިމާވި ކަމެއްކަމަށެވެ. އެގޮތުން 13 ރަށެއްގައި ބެހެއްޓީ ފޮށީގެ ނަތީޖާ ބާތިލްކުރުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަކުރެއްވީ މުހައްމަދު މާޝިހު އަދި ޔޫސުފް ޝާހުއެވެ.

ޑިމޮކްރެޓްސްގެ އިންތިހާބުގައި ގިނަ މައްސަލަތަކެއް ފާހަގަވަމުންދާއިރު އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން