ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ސުޕަރ މެޖޯރިޓީ ލިބޭނެކަމަށް ޔަގީންކުރައްވާކަމަށް ޕީއެންސީގެ މުސްތަޝާރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީނިއަރ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ އައު އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމެއް މިރޭ ބާއްވާފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެެވެ.

އަދުރޭ ވިދާޅުވީ ސެނެޓުން ނިންމި މުހިއްމު ނިންމުންތަކުގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން ހިމެނޭކަމަށެވެ. އަދި ބުރާސްފަތިދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައި އޮންނާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީއާ ގުޅިފައިވާ މެމްބަރުންނަށް ކަމަށެވެ. އަދި ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސުޕަރ މެޖޯރިޓީ ހޯދާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ރައްޔިތުން ޕީޕީއެމް ޕީއެންސީއަށް ދިން ވޯޓް، މަޖިލިސް އިންތިހާބުގައިވެސް ލިބޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން