އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އަރބަންކޯގެ މުވައްޒަފުން ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފިއެވެ.

އަރބަންކޯއިން ބުނީ 30 ނޮވެމްބަރ އިން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މިމަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރެވިފައި ވާކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ އެއްކުރެވިފައިވާކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ދަނީ ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް ތަކުރާރުކޮށް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ 'ޑެންގީ އިޖާބަ' ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް އަރބަންކޯއިން ވަނީ ކޮށްފައެވެ.

އަރބަންކޯއިން ބުނީ އެކޯޕަރޭޝަނުގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުންކަމަށެވެ. އެހެންކަމުން މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަރބަންކޯއިން އެދެއެވެ.

އަރބަންކޯއިން ކުރިއަށްގެންދާ މިފަދަ އިޖްތިމާއީ މަސައްކަތްތަކުގައި ހުޅުމާލޭގެ ރައްޔިތުން ދެއްވާ އެއްބާރުލުން އެކޯޕަރޭޝަނުން އަބަދުވެސް ފާހަގަކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން