ހުޅުމާލޭން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ގިނަ ބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ޕީޖީން އިސްތިއުނާފްކޮށްފިއެވެ.

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާއެއް އުފުލާފައިވާ، އައްމަޓީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އޭނާ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާން ބޭނުންވާތީ އޭނާ ފުރުން މަނާކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިވަގުތަށް ބާތިލު ކޮށްދިނުމަށެވެ. އޭނާ އެދުނު ގޮތަށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ މިއަދުއެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އަންމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އަންމަޓީގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެދިފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ނިންމި މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ، އައްމަޓީގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ބަލާއިރު، އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮތުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާޠިލު ކުރުމަށެވެ.

އޭގެ އިތުރުން ޑޮކްޓަރުން ލަފާދީފައިވަނީ އަންމަޓީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށްވާތީ، އޭނާއަށް ޢާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އޭނާ ފުރުން މަނާކޮށް ނެރެފައިވާ އަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނަ ކަމަށް ކޯޓުން ނިންމާފައިވެއެވެ. އެހެންކަމުން އިއްޔެގެ ހަވީރު 5:00 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 23:00އާ ހަމައަށް އައްމަޓީގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ވަނީ ނިންމައިފައެވެ.

މީގެ ކުރިންވެސް އަންމަޓީ ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް އޭނާ ރާއްޖެ ގެނެސްފައިވަނީ 2021 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންނެވެ.

13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން