ޞައްޙަ ޢަޤީދާއާއި ނުލައި ކުރާ އެއްވެސް ޢަމަލަކުން މަންފާއެއް ނުކުރާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ޢަޤީދާއަށް އަލިއަޅުވާލަމުން ބުނެފައިވަނީ އިސްލާމީ ސައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން އިސްލާމް ދީން ބިނާވެގެން ވަނީ ޢަޤީދާ އާއި ޢަމަލުގެ މައްޗަށް ކަމަށާއި ޢަޤީދާ ޞައްޙަނުވެ އެއްވެސް ޢަމަލެއް ޞައްޙައެއް ނުވާނެ ކަމަށް ޚުތުބާގައިވެއެވެ.

“ޞައްޙަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް ޢަމަލަކުން މަންފާއެއް ނުކުރާނެއެވެ. މިހެންކަމުން ދަރިވަރުންނަށް ޞައްޙަ ޢަޤީދާގެ މަޢުލޫމާތު އުނގަންނައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.” ޚުތުބާގައި ވެއެވެ.

އިސްލާމީ ތާރީޚުން މިކަމަށް މިސާލު ޖައްސަވަމުން ޚުތުބާ އިއްވެވި ޚަތީބު ވިދާޅުވީ އިސްލާމް ދީނަށް ގޮވާލެއްވުމަށްޓަކައި މުޢާޛުގެ ފާނު ޔަމަނު ކަރައަށް ފޮނުއްވަމުން ކީރިތި ރަސޫލާ ދެއްވެވި އިރުޝާދުގައިވެސް އެކަމަށް އަލިއަޅުވާލެއްވި ކަމަށެވެ.

އެގޮތުން މުޢާޛުގެފާނު ފޮނުއްވަނީ އަހުލުކިތާބީން ދިރިއުޅޭ ޤައުމަކަށްކަން ފާހަގަ ކުރަށްވައި މާތް ﷲ މެނުވީ އިލާހަކު ނުވާކަމަށާއި ރަސޫލާއަށް ކިޔަމަންގަތުމަށް ގޮވާލެއްވުމަށްފަހު އެއުރެންގެ މައްޗަށް 5 ނަމާދު ފަރުޟު ކުރެއްވިއްޖެކަން އެންގެވުމަށް ޙަދީޘް ކުރެއްވިކަމަށް ޚުތުބާގައިވެއެވެ.

އެހެންކަމުން މިޙަދީޘުން ޢަޤީދާގެ މުހިއްމުކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށާއި އެހެނިހެން އަޅުކަންތައް އަދާ ކުރުމުގެ ކުރިން ޢަޤީދާ ރަނގަޅު ކުރުމަށް އިރުޝާދު ދެއްވިކަން ޚަތީބު ފާހަގަކުރެއްވިއެވެ.

“އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ފަހުން، މުޝްރިކުންގެ ބާޠިލު ޢަޤީދާގެ ފާސިދުކަން، މީސްތަކުންނަށް ބަޔާންކޮށް ދެއްވުމާއި، މާތް ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމަށް ގޮވާލެއްވުމުގައި، ތޭރަ އަހަރު މައްކާގައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ އުންމަތަށް ކަންތައްތައް ފަރުޟު ކުރެވިގެން ދިޔައީ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު އެންމެ ދިހަ އަހަރުގެ ތެރޭގައެވެ.” ޚުތުބާގައި ވެއެވެ.

އޭގެއިތުރުން ޣައިރު މުސްލިމަކު ކިތަންމެގިނަ ހެޔޮ ޢަމަލެއް ކުރިނަމަވެސް އޭނާގެ ހެޔޮ ޢަމަލުތަކުން، ޤިޔާމަތް ދުވަހުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނެތްކަމަށާއި މުސްލިމެއްގެ ގޮތުގައި ހުރެވެސް ގިނަ ހެޔޮ ޢަމަލުތަކެއްކޮށް، الله އަށް ޝަރީކު ކޮށްފިނަމަ ހެޔޮ ޢަމަލުތައް ބާޠިލުވެގެން ދާނެކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުމާއި ނުތަނަވަސްކަމާއި މާޔޫސްކަމުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން