ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ ވަންގް ނިންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެއްޓާ ރަށްޓެހި ހަކަތައާއި، މަތީ ތަޢުލީމާއި، ކުޅިވަރާއި، އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މުޢާމަލާތްތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން