އޭޝިއަން ޑޭވިސް، 33އ، މީރާގެ މަންމަ
އޭޝިއަން ޑޭވިސް، 33އ، މީރާގެ މަންމަ
ތުއްތުކުދީންނަށް ދޭ ފޯމިއުލާއިން ބައެއްފަހަރު ފެންނަ ބެކްޓީރިއާއަކުން ދެކުދިން އިންފެކްޓްވެއްޖެއެވެ.

ކްރޯނޯބެކްޓަރ ސަކަޒާކީ ނަމަކަށްކިޔާ މި ބެކްޓީރިއާގެ ސަބަބުން 2022 ވަނަ އަހަރުގެ ތުއްތުކުދީންނަށް ދޭ ފޯމިއުލާގެ ޕައުޑަރުގެ ވައްތަރުތައް ބާޒާރުން ނަގާފައިވާއިރު، މިއަހަރު މިބެކްޓީރިއާގެ އިންފެކްޝަންގެ ދެމައްސަލައެއް އެމެރިކާއިން ވަނީ ފެނިފައެވެ. އެގޮތުން މިހާތަނަށް ކެންޓަކީގެ ކުއްޖެއް މަރުވެ، މިސޫރީގެ ކުޑަކުއްޖެއްގެ ސިކުނޑިއަށް ވަނީ ގެއްލުންވެފައެވެ.

މިދެކުދީން އޭގެ އަސަރުކޮށްފައިވާކަން އެމެރިކާގެ ސިއްހީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާއިރު، މި ދެކުދީންނަކީވެސް އެމެރިކާގެ އެބަޓް ނިއުޓްރިޝަން ނަމަކަށް ކިޔާ ކުންފުނިން އުފައްދާ ޕައުޑަރ ފޯމިއުލާ ބޭނުންކުރި ދެކުދީންކަން ވަނީ ހާމަވެފައެވެ. 2022 ވަނަ އަހަރުގެ ފޯމިއުލާ ކާރިސާގެ ފަހަތުގައިވެސް އޮތީ ހަމަ މިކުންފުނިން އުފެއްދި ފޯމިއުލާއެވެ.

އެހެންނަމަވެސް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގެ އޮފިޝަލުން ބުނެފައިވަނީ، މިއަހަރުގެ އިންފެކްޝަންތަކަކީ ފޯމިއުލާ އުފެއްދުމުގައި ހުރި މައްސަލައަކުން ޖެހުނު އިންފެކްޝަންތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، ބާޒާރުން އެތަކެތި ނެގުމުގެ ބޭނުމެއް ނުފެންނަ ކަމަށެވެ. މި ބެކްޓީރިއާއަކީ ގުދުރަތީގޮތުން ތިމާވެށީގައި ހުރެދާނެ ބެކްޓީރިއާއެއްކަމަށާއި، ފޯމިއުލާ ޕައުޑަރ ދަޅު ހުޅުވާލުމުން އޭގެތެރެއަށް ވަނުމުގެ ފުރުސަތު އޮންނަ ކަމަށް އެފަރާތުން ބުނެއެވެ.

"ސިމިލެކް ޓޯޓަލް ކޮމްފޯރޓް" ފޯމިއުލާ ޕައުޑަރު ބޭނުންކުރި ކުޑަކުއްޖަކު ކްރޯނޯބެކްޓަރ ސަކަޒާކީއަށް ފައްސިވެ، ނިޔާވެފައިވާކަން ކެންޓަކީގެ ސިއްހީ އޮފިޝަލުން ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް އެންގީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.

މިސޫރީގެ އުމުރުން 6 ހަފްތާގެ މީރާ ވައިޓް އަށް މި ބެކްޓީރިއާގެ ސަބަބުން ސިކުނޑީގެ އިންފެކްޝަނެއް ޖެހުނީ މާރިޗުމަހުގެ ކުރީކޮޅުގައެވެ. އަދި އޭނާގެ ގޭގައި ބޭނުންކުރަމުންއައި "ސިމިލެކް ނިއޯޝުއަރ" ޕައުޑަރގެ ފޯމިއުލާއިން ކްރޯނޯބެކްޓަރ ސަކަޒާކީ ބެކްޓީރިއާ ވަނީ ފެނިފައެވެ.

މި ދަރިފުޅު ބަލިވިފަހުން ގުޅާގުޅާކޮށް ފިޓުޖެހޭކަމަށާއި، އަދި ހުއްޓުމެއްނެތި ގިނައިރު ރުއޭކަމަށްވެސް އޭނާގެ މަންމަ، އުމުރުން 33 އަހަރުގެ އޭޝިއަން ޑޭވިސް ކިޔައިދެއެވެ. މީރާގެ ސިކުނޑީގެ ސްކޭންތަކުން ދައްކާގޮތުގައި އިންފެކްޝަންގެ ސަބަބުން އޭނާގެ ނާރުތަކަށް ގެއްލުން ވުމުގެ އިތުރުން، ސިކުންޑިގެ ބައެއް ޓީޝޫތައް ވަނީ ވިރިފައެވެ.



އެފްޑީއޭގެ ތަހުގީގީ އޮފިޝަލުން ބުނީ، މީރާގެ އިންފެކްޝަނާއި، އެފޯމިއުލާ އުފައްދާ ތައްޔާރުކުރި އެރިޒޯނާގެ ކާސާ ގްރާންޑޭ ޕްލާންޓާއި ގުޅުމެއް ވާކަން ފާހަގަކުރެވިފައިނުވާކަމަށާއި މީރާގެ ގެއިން ހޯދި ނިއޯޝުއަރގެ ނުހުޅުވާ ހުރި ދަޅުތަކުން ވެސް ބެކްޓީރިއާގެ އަސަރެއް ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް، ނައްސި އެންމެ ޓެސްޓަކުން ކޮންޓެމިނޭޝަނެއް ނުވާކަން ކަށަވަރު ނުކުރެވޭނެކަމަށް އެފްޑީއޭގެ ފުޑް ސޭފްޓީ ރިސްޕޯންސާއި ކުރިން ހަވާލުވެހުރި، ފްރޭންކް ޔިއާނަސް ބުނެއެވެ.

މިދިޔަ އަހަރު މިޝިގަންގައި ހުންނަ އެބަޓް ނިއުޓްރިޝަންގެ ޕްލާންޓެއް ބަންދުކުރުމަށް ތަހުގީގީ އޮފިޝަލުން ނިންމީ ހަތަރު ކުޑަކުދީން އިންފެކްޓްވެ، ދެކުދީން މަރުވުމުގެ އިތުރުން، އެޕްލާންޓުން މިބެކްޓީރިއާ ފެނިފައިވާތީއެވެ.

ތުއްތު ކުދީންނަށް ދޭ ޕައުޑަރު ފޯމިއުލާއިން އެކުދީންނަށް އަދި ހާއްސަކޮށް މީރާފަދަ ދުވަސް ނުފުރާ ވިހާފައި ތިބޭ ކުދީންނަށް އޮންނަ ނުރައްކާ ގިނަފަހަރު ވިސްނައިނުލެވޭ ކަމަށާއި، ޕައުޑަރ ފޯމިއުލާއަކީ ސްޓެރައިލް އެއްޗެއް ނޫންކަން ގިނަބަޔަކަށް ނޭނގޭކަމަށް ކާނާގެ ރައްކާތެރިކަމަށް ވަކާލާތުކުރާ "ސްޓޮޕް ފުޑްބޯން އިލްނެސް" އެންޖީއޯއިން ބުނެއެވެ.

އެހެންކަމުން، ބެލެނިވެރިންނާއި، ކުޑަކުދީން ބަލަހައްޓާ ފަރާތްތަކަށް މިކަމުގެ މައުލޫމާތު ދަސްކޮށްދީ، މިފަދަ ހާލަތްތަކަށް ތައްޔާރުކުރެވެން ޖެހެއެވެ. ކުޑަކުދީންނާއި، ދުވަސްނުފުރާ ވިހާ ކުދީންނަކީ ދިފާޢީ ނިޒާމު އުފެދި ފުރިހަމަވެފައިވާ ބައެއް ނޫންކަމުން މިފަދަ އިންފެކްޝަންތަކާއި ހަނގުރާމަކުރުމަކީ އެކުދީންގެ ހަށިގަނޑަށް ކުޅަދާނަ ކަމަކަށް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން