އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިތަދޫގައި ފެނަކައިން ހިންގާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.

ފެނަކައިން ބުނީ ފެނުގެ ހިދުމަތް ގިނަ ވަގުތުތަކަކަށް މެދުކެނޑުނު މައްސަލައިގައި، އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ރައްޔިތުންގެ އަރިހުން މައާފަށް އެދޭކަމަށެވެ. އަދި މައްސަލަ މިހާރު އެއްކޮށް ހައްލުކޮށް، ޕްލާންޓް ހިންގާފައިވާއިރު ކުރިއަށް އޮތް 3 ގަޑިއެއްހާ އިރުތެރޭގައި ފެނުގެ ޚިދުމަތް އަލުން ދޭން ފެށޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.

"ކުންފުނީގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ހިދުމަތްދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ކުންފުންޏާމެދު ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު އިއާދަކޮށް ދިނުމަށް." ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީގައި ދިމާވި ފެނުގެ މައްސަލައަކީ، ތާވަލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައި ނުވާތީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓްކޮށް، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގަވައި ފޮނުއްވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓީން ދެއްވާފައިވާ ޓައިމްލައިނާއި އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.

ފެނަކައިން ބުނީ ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ޤާއިމްކުރެވިފައި ނެތުމުގެ ސަަބަބުންކަން ފާހަގަކުރެވޭކަމަށެވެ. އެެހެންކަމުން ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފެނަކައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން