100 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 43 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މަސް ބަންދުުކުރާ އިތުރު ކާރުހާނާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ ފެލިވަރު ކާރުހާނާގެ އިތުރަށް ތަރައްްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންމެ ފެލިވަރު ކާރުހާނާ އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރެވޭ މަސައްކަތުގެ ތެރޭގައި އިތުރު 100 މެޓްރިކްޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މިފްކޯއިން އަގު އެއް ކުރެވިގެން އެކްސްޕޯޓްކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ފުރުޞަތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް މިވީ ދެތިން ހަފުތާގެ ތެރޭގައި މަސްވެރީންނަށް ވެވަޑައިގެންވި ވަޢުދުތަކުގެ މަތިން ވަރަށް ބޮޑަށް ހަނދާންކުރިކަމަށެވެ. އަދި އެމަނިކުފާނަކީ ވަޢުދު ހަނދާން ނެތޭނެ ނުވަތަ ވަޢުދު ހަނދާން ނައްތާލާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސިނާއަތަށް ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އެގޮތުން މިފްކޯގެ ހިންގުން މީގެފަހުން ކުރިއަށްދާނީ މަސްވެރިންގެ ސީދާ ބައިވެރިވުން އޮވެގެންކަން ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން