މާލޭ ސިޓީކައުންސިލު އޮތީ ފެއިލްވެފައި ކަމަށާއި ފެހި ފަހި ތަނަވަސް މާލެ އެއް ހޯދައިދެވޭނީ އެމްޑީޕީގެ މޭޔަރަކަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެެ.

ޝާހިދު މިހެން ވިދާޅުވީ މާލޭގެ މޭޔަރަކު ހޮވުމަށް އަންނަ މަހު ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ އެމްޑީޕީން އަލުން ނިކުމެ ތިބީ އެޕާޓީގެ އަލިގަދަ ރީނދޫ ކުލަ މާލޭގައި ފާއްދާލުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މިދައުރުގައި މާލެއަށް ވަމުންދިޔަ ގޮތް ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން މާލެ ފަތްފުއް ޖެހެމުންދިޔަ ގޮތާއި ކުނިވަމުންދިޔަ ގޮތް ފެނިއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މާލޭގެ ރައްޔިތުން އެދިގޮވަމުން ދަނީ ފެހި ފަހި ތަނަވަސް މާލެ އެއް ހޯދައިދިނުމަށް ކަމަށާއި އެކަން ކޮށްދެވޭނީ އެމްޑީޕީއަށް ކަމަށެވެ.



"އެކަމުގެ މުގުލުގައި މިއަދު ނިކުމެވަޑައިގެން މި ހުންނެވީ އަޅުގަނޑުމެންގެ މޭޔަރ ކެންޑިޑޭޓް އާދަމް އާޒިމް، އެކަމުގެ އެހީތެރިންގެ ގޮތުގައި ނުކުމެވަޑައިގެން މި ތިއްބެވީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން، އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުން. ތަޖުރިބާ އާއި ތަމްރީނާއި އެކުގައި ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުން. ތިބޭފުޅުންގެ ފަހަތުގައި އަޅުގަނޑުމެންގެ ސަފުތައް މި ރުކުވާލަނީ މި އިންތިހާބު ކާމިޔާބުކުރުމަށްފަހު މާލެ ފެހި ފަހި ތަނަވަސް މާލެ އަކަށް ހަދައިދިނުމަށް." އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ދަރިއެެއް ކަމަށެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވަނީ ލާމަރުކަޒީ ނިޒާމް ހަލާކޮށްލަން އުޅޭ ބަޔަަކަށް އެ ނިޒާމް ހިންގޭނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ސޯލިހްގެ ސަރުކާރު ފިޔަވައި ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގަން ޖާގަ ދީފައި ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިދިޔަ ފަސްއަހަރު ތެރޭގައި ހުރިހާ ކައުންސިލްތަކަކަށް އެވަނީ އެ ފުރުސަތު ދެއްވާފައި. އެފުރުސަތުގެ ދަށުން އިންތިހާބުވި މާލޭ ސިޓީކައުންސިލު ބޮޑުތަނުން ފެއިލްވެފައި އޮތްތަން އަޅުގަނޑުމެންނަށް މިފެންނަނީ. އަޅުގަނޑުމެންގެ އުއްމީދަކީ މި ކެންޑިޑޭޓުންނާއި އެކުގައި ނިކުމެ ލާމަރުކަޒީ އުސޫލުގެ ދަށުން މާލެއަށް ބޭނުންވާ ފެހި ފަހި މާލެ ހޯދައިދިނުން." ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން