3 ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ސަފީރުކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސެއިން ޝަރީފް، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ. އޯކިޑް، ޑރ. އިރުތިޝާމް އާދަމް، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ގދ.ގައްދޫ ބެންހާގޭ އަލީ ނަސީރު މުހައްމަދުގެ ނަމެވެ.



މިތިން ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މުހައްމަދު ހުސެއިން ޝަރީފް މިހާރު ހުންނެވީ މިސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްކަމުގެ މަގާމުގައެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީޙުގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރަށްވެސް އޭނާ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ޖަޕާނާއި ސްރީލަންކާގެ ސަފީރުކަންވެސް ކުރައްވާފައެވެ.

ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. އަލީ ނަސީރަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުން ފެށިގެން އެ ދައުރު ނިމެންދެން އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބުގެ މަޤާމާއި، އެމެރިކާ އަދި ކެނަޑާގެ ސަފީރުގެ މަގާމް ފުރުއްވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރުގެ މަގާމް ފުރުއްވި އިރްތިޝާމަކީ ޖެނީވާގައި ހުންނަ ޔޫއެންގެ ސަފީރުކަމާއި، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުކަމުގެ އިތުރަށް އިޓަލީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން