ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގަޑިއަކަށް 75 ރުފިޔާގެ މަގުން ކޮންޓްރެކްޓް އުސޫލުން ފަންނީ ލަފާ ދެއްވުމަށް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެގޮތަށް ހާމަކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންފުޅުވާތީ އެކަމަނާއަށް އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ، އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ހާޒިރުކުރުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަން ބޭނުންވާ ކަމަށް ސާޖިދާ ހެލްތު މިނިސްޓްރީއަށް ރިކުއެސްޓް ކުރިކަމަށާއި އެ ކަމަށް އެދި ސީއެސްސީއަށް ހުށަހެޅީ ހެލްތު މިނިސްޓްރީން ކަމަށެވެ. ސާޖިދާއަކީ ގިނަ ދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށާއި ސާޖިދާގެ އެހީތެރިކަމާއި ފަންނީ ލަފާ ހެލްތު މިނިސްޓްރީން ވެސް ބޭނުންވާ ކަމަށް މިނިސްޓްރީން ސީއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އެކޮމެޓީގައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސާޖިދާއަށް ހާއްސަކޮށް، ވަކި އުސޫލެއް ތައާރަފް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ. ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ސާޖިދާ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވާ ވަޒީފާ އަދާ ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ސިވިލް ސާވިސްގެ ވަޒީފާގެ މުސާރަ ނަގަން ބޭނުން ނުވާ ކަމަށް ސާޖިދާ އެންގެވި ކަމަށް ނާސިހު ވިދާޅުވިއެވެ. އެހެން ނަމަވެސް އުޖޫރައަކާ ނުލައި އެއްވެސް މީހެއް ލައްވައި މަސައްކަތް ކުރުމަށް ސީއެސްސީ ގަވާއިދު ތަން ނުދޭތީ ސާޖިދާއަށް ކޮންމެވެސް އުޖޫރައެއް ހަމަޖައްސަން ލާޒިމްވި ކަމަށް ނާސިހު ވިދާޅުވި އެވެ.

"ކޮންޓްރެކްޓް ހެދީ ކޮންމެ މަހަކު ވެސް އެންމެ ގިނަ ވެގެން 48 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއިރަކަށް 75 ރުފިޔާގެ މަގުން، އެހެންވީމަ، އެންމެ ގިނަ ވެގެން ވެސް މަހަކު ލިބޭނީ 3،000 ރުފިޔާ،" ނާސިހު ވިދާޅުވި އެވެ.

ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބިވަޑަައިގަންނަވާނެ ކަމަށް ގާނޫނުގައިވެއެވެ. އެހެންކަމުން މެޑަމް ސާޖިދާއަށް 33،330ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢައިޝާ

16-Dec-2023

48 * 75 = ? 3000 🤔



ފަހުގެ ލިޔުންތައް

ޓްރެންޑިން