އެމްޑީޕީ ސަރުކާރާއި ގުޅުވައިގެން އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކުގެ ޕަބްލިކު އިންކުއަރީއެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު މަޖިލީހުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ ވޯޓުންނެވެ. އަދި މި މައްސަލަ މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މިހާރު ވަނީ ނިންމާފައެވެ.

އެމްޑީޕީން މި ގަރާރު ހުށަހަޅަން ނިންމީ މިދިޔަ މަހު އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. ގައުމީ މަޖިލީހުން ފާސްކުރި މި ގަރާރުގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއާއި އެ ޕާޓީގެ ވެރިކަމާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން އެކި ދޮގުތައް ފަތުރަމުން ދިޔަ ކަމަށް ބުނެފައެވެ.

ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބެ ރާއްޖޭގެ މިިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ރާވަމުން ދިޔަ ކަމަށް ކުރި ތުހުމަތާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމުގެ ތުހުމަތުކުރި ކަމަށް މި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ. ދައުލަތް ޝާމިލުވެގެން ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުތައް ބަލަންވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.

"އެމްޑީޕީގެ އަބަދުވެސް އުންމީދަކީ އަދި އަމާޒަކީ މި މަގުން ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައިވީހިނދު؛ މި ފެށޭ ރިޔާސީ ދައުރުގައި އެމްޑީޕީގެ ދައުރު ނުހަނު މުހިއްމު ކަމުގައި ދެކޭ ހިނދު، ޑިމޮކްރަޓިކް އުސޫލުން ދިވެހި ވެރިކަމުގެ އެންމެހައި ކަމެއް ހިންގުމަށް ބާރު އެޅުމަކީ މި ގައުމުގެ ހަމަޖެހުމަށް ނުހަނު މުހިއްކަމެއް ކަމުގައިވާތީވެ، އަނިޔާވެރިކަން އަނބުރާ އިއާދަވުން އެއީ ދިވެހި އެއްވެސް ރައްޔިތަކު ދެކެން ބޭނުންނުވާ ދުވަހެއް ކަމުގައިވާތީވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނާން އޮތް ހަގީގަތެެކެވެ." އެމްޑީޕީގެ މެންބަރު ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން