ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ދެ ރުފިޔާގެ ޓެކްސް ކުޑަކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ދެކޮޅު ހައްދަވައިފިއެވެ.

ތޯރިގް އެކަމަށް ތާއީދުނުކުރައްވާކަން ހާމަކުރެއްވީ މުޅި މަޖިލީހުގެ ސަބް ކޮމިޓީގައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ ކޮޓަލުން ނަގާ ޓެކްސް ކުޑަކޮށްފިނަމަ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަޤްޞަދު ހާސިލު ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، ވިޔަފާރިވެރިންގެ އަތުން ދެފަހަރަށް ކޮތަޅަށް ޓެކްސް ދައްކަން ޖެހުމުގެ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް މިހާރުވެސް ފިޔަވަޅު އެޅިދާނެކަމަށް ތޯރިގު ވިދާޅުވިއެވެ.

ކޮތަޅު ޓެކްސް ކަނޑާލުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހަށް ބިލެއް ހުށަހެޅުމުން މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވަނީ ކޮތަޅަކުން 50 ލާރި ޓެކްސްގެ ގޮތުގައި ނެގުމަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ކޮތަޅު ޓެކްސްގެ މައްސަލައިގައި ވިޔަފާރިވެރިޔާ އަތުން ދެ ފަހަރަށް ޓެކްސް ނެގޭ މައްސަލަ ހައްލުކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ގާނޫނަށް އިސްލާހު ގެނައުން ކަމަށެވެ.

"އާއްމުން އަތުން ދެ ރުފިޔާ ނެގުމަށްފަހު މީރާއަށް އެ ފައިސާ މިދައްކަނީ ވިޔަފާރިވެރިޔާ. ކޮތަޅުން ނަގާ ޓެކްސް ލާރި ވިޔަފާރިވެރިޔާ އަކަށް ނުލިބޭނެ. ޑަބަލް ޓެކްސޭޝަނާއި އަދި ޖީއެސްޓީ ފޯމާއެކު ކޮތަޅުން ޓެކްސް ނަގަން ޖެހޭގޮތަށް އޮތް އޮތުންވެސް ބަދަލުކުރަން އުސޫލަށް ބަދަލުކުރަންޖެހޭ،" ފަތުހުﷲ ވިދާޅުވިއެވެ.

50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ ނުނެގުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން