ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކިއުބާގެ ބޮޑުވަޒީރުގެ ނައިބު އިނޭސް މަރީއާ ޗަޕްމަން ވުއޯއު އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ، އ.ދ. ގެ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއާއި ކިއުބާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމުގެ މައްޗަށެވެ. އ.ދ. ގައި ހިމެނޭ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖަމިއްޔާ "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަނީ ކިއުބާއިންނެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކިއުބާގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ފަންނީ އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވާ އ.ދ. ގެ ޖަމިއްޔާ "ހިއުމަން ރައިޓްސް ކައުންސިލް"ގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ހަމަ އެއާއެކު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް، ޚާއްޞަގޮތެއްގައި ޑޮކްޓަރުން ފޮނުވުމާއި، ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާތީ އެކަމަށްޓަކައި ކިއުބާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކިއުބާއިން ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ދާއިރާ ފަދަ މުހިންމު ދާއިރާތައް ތަރައްޤީކުރުމަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރުގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ދެ ބޭފުޅުންވެސް އުންމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 29 ޖެނުއަރީ 1977 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން