ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ސިޔާސީކޮށްގެން ލިބޭނީ ގެއްލުންކަމަށާއި، އެފަދަ ކަމެއް ސްޓެލްކޯގެ ތެރޭގައި ނުކުރައްވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ރަސް އޮންލައިންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވީ ސްޓެލްކޯއަކީ ސިޔާސީ މުވައްޒަފުން އުޅޭ ތަނެއް ނޫންކަމަށާއި، ކުންފުނީގެ އަމާޒަކީ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން އެގޮތުގައި ގެންގުޅުންކަމަށެވެ. ނަަމަވެސް ކުންފުނީގެ އޮނިގަނޑަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ އެކަމެއްވެސް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ސްޓެލްކޯ ސިޔާސީކޮށްގެން ހިންގުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅުއްވާކަމަށާއި، އެއީ ކުންފުންޏަށް އެއްވެސް ފައިދާއެއް ކުރާނެކަމެއް ނޫންކަމަށެވެ.

"އަޅުގަނޑު ނުވިސްނަން ކުންފުނި ސިޔާސީ ކުރާކަށް. ސިޔާސީކޮށް ހިންގީމަ ކުންފުނީގެ އަސްލު ގެއްލެނީ، މީހުން ކުރާ އިތުބާރު ގެއްލެނީ." ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ސިޔާސީ ކޮށްގެން ކުންފުނި ހިންގުމުގެ ބޭނުމެއް ނެތްކަމަށާއި އޭގެ ނަތީޖާވެސް ރަނގަޅު ނޫންކަން މިހާތަނަށް ފެނުނު މަންޒަރުން ހާމަވެފައިވާކަމަށެވެ. އެގޮތުން ކުންފުންޏަށް ލިބެންޖެހޭ ފައިދާއެއްވެސް ނުލިބޭކަމަށާއި، އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައްވެސް ރަނގަޅަށް ނުދެވޭކަން ފަހްމީ ފާހަގަކުރެއްވިއެވެ.

ފަހްމީ ވިދާޅުވީ އޭނާގެ ވިސްނުމަކީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމައަށް ދިނުންކަމަށެވެ.

ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖެއްސެވި، ހުސެއިން ފަހުމީއަކީ އެ ކޮންޕެނީގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ. އެގޮތުން، ސްޓެލްކޯއާއި ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އެންމެ ފަހުން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން