ފަލަސްޠީނުގެ މައްސަލައާމެދު ގޮތެއް ނިންމުމުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާކަމަަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިކަންބޮޑުވުން ފާޅުކުރެއްވީ އެމަނިކުފާނު އަރިހަށް ފަލަސްޠީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް ރިޔާދް އަލް މާލްކީ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑުގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ފަލަސްޠީނުގެ މިނިސްޓަރ ވަނީ ޣައްޒާގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރުމުގައި ދެމިތިބޭނެކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް، އެ ޤައުމުގެ އިސްތިޤުލާލުގެ ދިފާއުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެގޮތެއްނުވެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެރުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ފަލަސްޠީނުގެ މައްސަލައާމެދު ގޮތެއް ނިންމުމުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާ ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން