100 ޑޮލަރުގެ ވަގުނޫޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކުން މިއަދު އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނީ، 100 އެމެރިކާ ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމާމެދު ޢާއްމުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އެގޮތުން މިހާރު ދައުރުކުރާ ނޫޓަކީ 1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދުގައި ޕްރިންޓުކޮށްފައިވާ ހުދު ބޯޑަރު ހުންނަ ޑޮލަރު ނޫޓެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި އެނޫޓުތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ބައެއް ކަންކަން އެމްއެމްއޭއިން ވަނީ އާންމުކޮށްފައެވެ.

"100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަކަމާ މެދު ޝައްކު ކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، މި އޮތޯރިޓީއަށް ގެނެސް، އެ ނޫޓެއްގެ ސައްހަކަން ޔަގީން ކުރުމަށް ދަންނަވަމެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ، ދައުރުވަމުންދާ ވަގުނޫޓު އައްޔަށް ދިއްކުރުމުން ނޫޓުން ފެންނަ އެމެރިކާގެ ކުރީގެ ރައީސް ބެންޖަމިން ފްރޭންކްލިންގެ ފެންމަރުކާ (ވޯޓާ މާކު) ޞައްޙަ ނޫޓުތަކުގެ ފެންމަރުކާއާ މުޅިން ތަފާތު ކަމަށެވެ. އަދި ނޫޓުގެ ވައަތް ފަރާތުން ފެންނަ "USA 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނުފެންނަ ކަމަށާއި، އަލްޓްރާ ލައިޓަށް ދިއްކުރުމުން ނޫޓުގެ ދެ ފަޅިން ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް އެގޮތަށް ނުފެންނާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ހަމައެއާއެކު ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ނުހުންނަ ކަމަށާއި، ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލުނުވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން