މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި އަދާކުރައްވާ ސީނިއަރ ސައިންޓިފިކް އޮފިސާގެ ވަޒީފާއިން ލިބޭ މުސާރަ މިނިސްޓްރީގެ ބޭނުންތެރި ކަންކަމަށް ޑޮނޭޓް ކުރައްވަން ގަސްދުކުރައްވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަޑިއިރަކަށް 75 ރުފިޔާގެ މަގުން އެކަމަނާ ހެލްތް މިނިސްޓްރީއަށް ކޮށްދެއްވާ ޚިދުމަތަށް އުޖޫރަ ދޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައެޅުމުން ސާޖިދާއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން، އެކަމަނާ ފަދަ ނުފޫޒު ގަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވުމުން މަސްލަހަތު ފުށުއަރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ސިވިލް ސާވިސް ކޮމިޝަން ހާޒިރުވެސް ކުރިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކޮންޓްރެކްޓް އެއްބަސްވުމެއް ހެދުމަކީ ސިވިލް ސާވިސްގެ ޤާނޫނާއި ފުށުއަރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެކޮމިޝަނުން އަލަށް ކުރާ ކަމެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ސާޖިދާ ވިދާޅުވީ މީހުންގެ ކަންބޮޑުވުންތައް އޭގެ ޒާތުގައި ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓްރީގައި މަސައްކަތްކުރައްވާނީ އެއްވެސް މީހެއްގެ މަސްލަހަތަށް ގެއްލުންނުވާނެ ގޮތަަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެން ކަމުން، މަގާމުގެ ގޮތުން އެެއްވެސް ޑިސީޝަން މޭކިންގ ލެވެލްއެއްގެ މަސައްކަތެއްގައި ނިންމުންތައް ނުނިންމަވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ހޮވިވަޑައިގަތްފަހުން އެކަމަނާ އެމްއެެފްޑީއޭގައި ކުރައްވަނީ ޓެކްނިކަލް މަސައްކަތް އެކަނި ކަމަށް ވެސް ފަސްޓްލޭޑީ

ވިދާޅުވިއެވެ.

25 އަހަރު ވަންދެން ސިވިލް ސާވިސްއަށް ޚިދުމަތްކުރެއްވި ސާޖިދާ ވިދާޅުވީ އެކަމަނާގެ އެންމެ ޒުވާން އުމުރުފުރާއިން ފެށިގެން މަސައްކަތްކުރެއްވި ތަން ދޫކުރާ ވަރަށްވުރެ އެތަން ދެކެ މާ ބޮޑަށް ލޯބިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި މަސައްކަތް ދެކެ ވަރަށް، ވަރަށް ލޯބިވޭ. އަނެއްހެން ދަންނަވާނަމަ މި މަސައްކަތް ނުކޮށް އުޅެން ވެސް އުނދަގޫ. ވަރަށް ޔަންގް އިރުއްސުރެ ފެށުނު މަސައްކަތެއް ވީމަ އެޓޭޗަމެންޓެއް އެބަހުރި" ސާޖިދާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން