އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއްގެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަފީޤާއި އޭ.ޑީ.ބީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ސިންޑީ މަލްވަޗީނީއެވެ.

މިއެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، 1 ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.



މިޕްރޮޖެކްޓުގެ ދަށުން 'މަގޭ ސޯލަރ ޕްރޮގްރާމު'ގެ ފުރަތަމަ ފިޔަވަހީގެ 3 މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ޚަރަދުކުރުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އޭގެ އެހީގައި 1 ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާރމިން ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ބުނާގޮތުން ޕްރޮޖެކްޓްގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުވުން މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިރަސްމިއްޔާތުގައި އޭ.ޑީ.ބީ ގެ އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެއެމްބަސީގެ އޮފިޝަލުންނާއި، ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން