ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ފެށިފައި ހުރި މުހިންމު މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ފެށިފައި ހުރި މުހިންމު އެތައް މަޝްރޫއެެއް ރައީސް މުޢިއްޒުގެ ސަރުކާރުގައި މަޑު ޖެހެމުން ގޮސް ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ މާޔޫސް ވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް ތަކަށް ޖަވާބުދާރީވާނެ ފަރާތެއް ވެސް މިއަދު ނެތް ކަމަށެވެ. އަދި މި ސަރުކާރުގައި ކަންކަން ވަމުންދާ ގޮތް އެނގޭނެ މީހަކު ވެސް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

"ކަންކަންވަމުންދާގޮތް އެނގޭނެ މީހަކު ވެސް ނެތް، ސަރުކާރެއް ބަދަލުވިޔަސް މަސައްކަތްތައް ހުއްޓެންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ޖަވާބުދާރީވާނެ ގޮތެއް ނެތިގެން ކަންބޮޑުވާންޖެހޭނެ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. ރައްޔިތުންނަށް ހާސްކަން ލިބުން އެއީ ސަރުކާރު ބަދަލުވުން ސަބަބަކަށް ހެދޭނެ ގޮތެއް ނޫން،" މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެއީ ދެބަސްވެވެން ނެތް ހަަގީގަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ އުއްމީދުތައް އިތުރުވި ފަސް އަހަރު ކަމަށާއި އިގްތިސާދީ އިޖްތިމާއީ އެތައް ފައިދާ ތަކެއް އެ ފަސްއަަހަރު ރައްޔިތުންނަށް ކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ވަޒީފާތައް އިތުރުކުރެވިއްޖެ، އާމްދަނީ މައްޗަށް ހިގައްޖެ، ދިރިއުޅުން ކިތަންމެ ގޮތަކަށް ވެސް ފަސޭހަވެއްޖެ، ނާއުއްމީދު އުއްމީދަށް އަޅުގަނޑުމެންނަށް ބަދަލުކުރެވިއްޖެ، އެހެންކަމުން ރައީސް ސޯލިހްގެ ތަރައްގީގެ ސިޔާސަތުތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" ރައީސް ސޯލިހްގެ ސަރުކާރަށް ތައުރީފު ކުރައްވަމުން ސަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން