ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނޯތަށް ފޮނުވި ސިޓީފުޅު ސިއްރު ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ނިންމައިފިއެވެ.

ދެޤައުމެއްގެ ސަރުކާރުގެ މެދުގައި ފޮނުވާ ސިޓީބިޓީ ޢާންމުކުރުމަކީ މަސްލަހަތާއި ފުށުއަރާނެ ކަމެއް ކަމަށް ބުނެ ކުރީގެ ސަރުކާރުން ވަނީ އެ ސިޓީ ވަންހަނާ ކުރުމަށް މަޖިލީހުގެ 241 ކޮމިޓީގެ އިތުރުން އެސިޓީ ސަރުކާރުން ހިއްސާކުރި ބާ ކައުންސިލު ކިބައިންވެސް އެދިފައެވެ.

ސިޓީ ސިއްރު ނުކުރާން ނިންމުމުގެ އިތުރުން ކޮމިޓީން މިއަދު ވަނީ އެ ސިޓީ ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ވެސް ނިންމާފައެވެ. އޭރުގެ އިދިކޮޅުން ވަނީ އެސިޓީއަކީ ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ސިޓީއެއް ކަމަށް ތުހުމަތުކޮށްފައެވެ.

ސިޓީގައި ސިއްރު ޖަހާފައިވާތީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް ވަނީ ބައްދަލުވުން ސިއްރު ކުރަން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް، ސިޓީއާ ގުޅުވައިގެން އެމްޑީޕީގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް ވިދާޅުވެ، ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ބައްދަލުވުން ސިއްރު ކުރުމަށް ދެކޮޅު ހައްދަވާފައެވެ. ސިޓީއާއި ގުޅިގެން އެމްޑީޕީއާއި ބެހޭގޮތުން ހަދާފައިވާ ދޮގުތައް ޢާންމުންނަށް ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން މީސް މީޑިއާގައި އެ ސިޓީ ވަނީ ލީކްކޮށްލާފައެވެ. މީސް މީޑިއާގައި ލީކްވި ސިޓީގައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ. އެ ސިޓީއަކީ ޞައްހަ ސިޓީއެއް ކަމަށް ކުރީގެ ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން