ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލާތް ހަދައިގެން އެތައް ބައެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މއ. އެރަލްސީ، ޙަސަން މަމްދޫހާއި ރ. އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މީގެތެރެއިން މަމްދޫހުގެ މައްޗަށް 104 ދައުވާއެއް އަދި ޖައިޝާންގެ މައްޗަށް 97 ދައުވާއެއް އުފުލާފައިވެއެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމުގެ ކުށާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިން ކުށުގެ ދައުވާތައް ހިމެނެއެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތްކުރާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މަންޑޭ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުގެ އަގު އެކަނި ވެސް 8 މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު 7 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށްވުރެ ގިނަ ސެންޓުފުޅިހުރި ކަމަށް ޕީޖީ ވިދާޅުވިއެވެ.

ހުޅުމާލޭ ކޯޓުގެ އަމުރެެއްގެ ދަށުން ހަސަން މަމްދޫޙުގެ އަގުބޮޑު މުދާތައްވެސް ވަނީ ހިފަހައްޓާފައެވެ. ކޯޓުން އެމުދާތައް ހިފެހެއްޓީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން އެމުދާތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ 8 މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ. މަންޑޭގެ މުދާ ހިފެހެއްޓި މައްސަލަ އޭނާވަނީ މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން