އަހުމަދު މަސްނޫމް   14 ޑިސެމްބަރު 2023 - 2:18
މީސްލްސް އަދި ރުބެއްލާއަށްދޭ އެމްއާރު ވެކްސިންގ މާދަމާއިން ފެށިގެން ދޭން ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މީސްލްސް އަދި ރުބެއްލާއަށްދޭ އެމްއާރު ވެކްސިންގ މާދަމާއިން ފެށިގެން ދޭން ނިންމީ މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ މިބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިންކަމަށް މިިނިސްޓްރީން ބުނެއެވެ.

މިިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން މިކެމްޕޭން ކުރިއަށްގެންދާނެކަމަށާއި މި ވެކްސިން ދޭނީ ޢުމުރުން 18 މަހާއި 49 އަހަރާއި ދެމެދުގެ ދިވެހިންނާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށްކަމަށެވެ.

މިކެމްޕެއިންގެ ދަށުން ދަމަނަވެށްޓާއި، އޭޑީކޭއާއި، ހުޅުމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ފެސް 2 ގައި ހުރި ޖީޕީ ކްލިނިކްގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެގޮތުގައި ކަނޑައަޅާފައެވެ. އަދި ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ޤައުމެއްގެގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ރާއްޖޭގައި ޕީސީއާރް ޕޮޒިޓިވް މީސްލްސް ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އަހަރު ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިން ކެމްޕޭނެއްވަނީ ކުރިއަށްގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން