ފުވައްމުލަކު ފަރަށް އުރުނު ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީން ނިންމައިފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބާޖު ފަރަށް ނާރާ ކަމަށް ބުނެ އެކުންފުނިން ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން އެމައްސަލަ އީޕީއޭއިން ފުލުހަށްވެސް ހުށައަޅާފައިވެއެވެ.

ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 4306 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ވަނީ ހާމަކޮށްފައެވެ.

މިޙާދިސާގައި ބާޖު ފަރަށް އަރާފައިވަނީ ހޯގާޑުން މުދާ ވެއްދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވާ އަރިއަޅާލައިންނެވެ. މި ބާޖުގައި ހުރީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން