ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ ޚަރަދެއް ވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން މިއަދު ހާމަކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމެވުމާއި ގުޅިގެންނެވެ. އެގޮތުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަށް ދާ ޚަރަދުތައް، ކުރާ ކޮންމެ ދަތުރުފުޅަކަށްފަހު 15 ދުވަސް ތެރޭގައި ޢާންމުކުރައްވާނެކަން ވަނީ އިޢުލާން ކުރައްވާފައެވެ.

މިދިޔަ މަހުގެ 27ގައި ރައީސްގެ ދެކަނބަލުން ކުރެއްވި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ދަތުރުފުޅަށް ފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ޢާންމުކުރި ކަރުދާހުގައިވާ ގޮތުން، ދެ ޤައުމަށް ކުރެއްވި ދަތުރުފުޅަށް ފަސްޓް ކްލާހުން ހަތަރު ޓިކެޓާއި ބިޒްނަސް ކްލާހުން 12 ޓިކެޓާއި އިކޮނޮމީ ކްލާހުން 12 ޓިކެޓް ނަގާފައިވެއެވެ. އެ ޓިކެޓުތަކަށް ޖުމްލަ 2.4 މިލިއަން ރުފިޔާ ޚަރަދުވެފައި ވެއެވެ.

ތުރުކީއަށް ވަޑައިގަތް 28 ބޭފުޅުންނަށް ތިބުމާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައިދިނީ ތުރުކީ ސަރުކާރުން ނެވެ. އެހެން ނަމަވެސް، ދުބާއީ ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުން އެ އިންތިޒާމުތައް ހަމަޖައްސައިދިނީ 10 ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ. އެތަނުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000ރ. ދައުލަތުން ހަރަދުކުރަން ޖެހުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީ ދަތުރުފުޅުގައި ހިމެނޭ 22 މީހަކަށް ޕޮކެޓްމަނީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދީފައި ވެއެވެ. އަދި މަސައްކަތާ ގުޅުން ހުރި އެހެނިހެން ޚަރަދުތަކަށް 41،548 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ދުބާއީ ދަތުރުފުޅުގައި ބައިވެރިވި 19 ބޭފުޅުންގެ ޕޮކެޓްމަނީގެ ގޮތުގައި 182،546 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.

ދުބާއީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަށް 155،182 ރުފިޔާ ޚަރަދުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން