މި ސަރުކާރުގެ ހުރިހާ ނިންމުންތައް ހުރީ ހަރަދު އިތުރުވާ ގޮތަށް ނޫން ކަމަށާއި ބަޖެޓަށް އާމްދަނީ ހޯދަން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ މި ސަރުކާރުން ކުރަނީ ހަމައެކަނި ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހޭ ކަންކަން އެކަނި ނޫން ކަމަށެވެ. ފިރުޒުލް ވިދާޅުވީ ސިޔާސީ މަގާމުތަކަށް މިސަރުކާރުން އެކި ބޭފުޅުން އައްޔަންކުރަނީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ސިޔާސަތުތައް ކަނޑައެޅިގެން ކުރަމުންދާ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދުތަކެއް ހިނގާނެ ކަމަށާއި އެ ހަރަދުތައް ހަމަޖެއްސުމަށް ބަޖެޓަށް އާމްދަނީ އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޒުލް ވިދާޅުވީ މި ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ތެރެއިން ބަޖެޓަށް އާމްދަނީ ހޯދުމަށް ރީފައިނޭންސިން މަސައްކަތްތައް ހިމެނިފައިވާނެ ކަަމަށެވެ. އެގޮތުން އެކަމަށް ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ބަޖެޓަށް އާމްދަނީ ހޯދުމަށް ޒަކާތު ހައުސް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫއު އަވަސްކުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި އެ ކަންކަމުގެ ބަޖެޓުގައި އެހެން ދިމަދިމާލަށް ނުވަތަ އެހެން ކަންކަމަށް ޖާގަ ދެވޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެެވެ.

ފިރުޒުލް ވިދާޅުވީ ބަޖެޓު އިތުރަށް ހަރުދަނާކޮށް ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން ފިސްކަލް ސްޓްރެޓަޖީގައި ހާސިލުކުރަން ކަނޑައަޅާފައި ހުރި މަގުސަދުތަށް ހާސިލުކުރުމަށް މަގުފަހިވާ ގޮތަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވަނީ އުންމީދާއި ޔަގީންކަމާ އެކު ކަމަށެވެ. އެމަސައްކަތުގެ ތެރެއިން މިހާރު އިގްތިސާދީ ހާލަތުން އަރައިގަނެ ރަނގަޅު ހާލަތަކަށް ވާސިލުވެވޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"[އިގްތިސާދީ ކާރިސާއެއް] ބިރުވެރިކަމެއް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް." ފިރުޒުލް ވިދާޅުވި އެވެ.

ރާއްޖެ އާއި ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ހަރަދުތައް ކުޑަކުރަން ސަރުކާރަށް ވަނީ ލަފާ ދީފައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެެކިއެކި އިސް މަގާމުތަކުގެ އަދަދު އިތުރުކޮށް ސިޔާސީ މަގާމުތަކަށް އަދިވެސް ބޭފުޅުން އައްޔަން ކުރަމުން ގެންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން