ތަހުޒީބުގެ ނަމުގައި އުފުލާ ދިނާ ޚިލާފު ޝިޢާރުތަކަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި، ޒާތީ ކަންކަން އެއްފަރާތްކޮށް ބުއްދީގެ ތަރާދުން ކަންކަން ކިރުމަށް ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން އަޚްލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ދައްކައި ބުނެފައިވަނީ ރާއްޖެއަކީ ޝަރަފުވެރި އަބުރުވެރި ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށެވެ. އެހެންކަމުން މި ޤައުމުގައި ފާޅުކުރެވޭނީ އިސްލާމީ ޝިޢާރުތައް ކަމަށާއި ތަހުޒީބުގެ ނަމުގައި އުފުލާ ދިނާ ޚިލާފު ޝިޢާރުތަކަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ބުނެފައި ވެއެވެ.

“މި ޤައުމުގައި ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރަން ޖެހޭނެއެވެ.” ޚުތުބާގައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އަހުލުވެރިންނަކީ ހެޔޮކަމުގެ އަހުލުވެރިންކަމަށާއި ދިވެހިންގެ ނަފްސުގައި ރިވެތި އަޚްލާޤީ ސިފަތަކެއް އެބަހުރި ކަމަށެވެ.

އަދި ފަސާދައިގެ ދޮރުތައް ބަންދުކޮށް އަމާން މުޖުތަޢަކަށް ޤައުމު ބަދަލު ކުރެވޭނީ ހުރިހާ އެންމެންވެސް އެމީހެއްގެ މަސްއޫލިއްޔަތު އުފުލައިގެންކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން