ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށް މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ނިންމާފައެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށްވާ 87 މެންބަރުންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މަޖިލީހުގެ މިހާރު ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާ އާންމު ކޮމެޓީއަށް ހުށައެޅި އިސްލާހު މިހާރު ވަނީ ފާސްކޮށްފައެވެ.



އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން ކަމަށާއި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މި އިސްލާހު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ ފުރުސަތު އެމްޑީޕީއަށް އޮންނާނެއެވެ. އެއީ އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓު ކަމަށް ވާތީއެވެ. ކުރިން އޮތްގޮތުން ރައީސް އާއި ނާއިބް ވަކިކުރަން 58 މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުހައްމަދު

16-Dec-2023

ޑޯން އެވަރ އިންޓެންޑް ޓު މޭކް އިރެވާސިބަލް މިސްޓޭކްސް. އިޓް ވިލް ހޭވް އެވަރ ލާސްޓިން ކޮންސެކްއެންސާސް. ކަންޓްރީ ހޭޒް މޯރ ސިޓިޒަންސް ދޭން ޕާލިމެންޓްރީ ސީޓްސް.



ޓްރެންޑިން