1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްދިޔައީ މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޙަރަކާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މިއަދު ކުރިއަށްދިޔަ މިހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށްދިޔައެވެ. އޭގެ ތެރޭގައި ކުރެހުމާއި ކުލަޖެއްސުމާއި ކުޑަކުދިންނަށް ދިވެހި ތާރީޚާއި ކުޅިވަރު ދައްކައިދޭ ހަރަކާތްތަކާއި ދިވެހި މަސައްކަތްތެރިކަން ދައްކައިދޭ ހަރަކާތްތަކާއި ކުޑަކުދިންނަށް ތަފާތު ބާވަތްތަކުގެ ހަދިޔާ ބެހުންވެސް ހިމެނެއެވެ. މީގެއިތުރުން މިއަދުގެ ހަވީރުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ފަރާތުންވެސް ކުޑަކުދިންނަށް ބައިވެރިވެވޭ ޙަރަކާތްތައް ކުރިއަށްގެންދިޔައެވެ.

ހުރަވީ ދުވަހާ ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްޞަ ޙަރަކާތްތަކުގެ ތެރޭގައި، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނީ ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައެވެ. މީގެއިތުރުން "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ގެ ނަމުގައި ދޮންބަންޑާރައިންގެ ޝަޚްޞިއްޔަތާއި ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އާކުރުމުގެ މަޤުޞަދުގައި މައުރަޒެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު ކުރިއަށްދާނީ ޤައުމީ ދާރުލްއާސާރުގައި ޑިސެންބަރު 17 އިން 21 ށެވެ.

ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން