ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން މަޖިލިސް ޕްރައިމަރީ އަންނަ ޖަނަވަރީ މަހަށް ފަސްކޮށްފައިވާ ކަމަށް އެކޯލިޝަނުން ބުނެފިއެވެެ.

މީގެ ކުރިން ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯލިޝަންގެ ޕްރައިމަރީ އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރަން ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަނުގެ އާންމު މެމްބަރުންގެ އެދުމުގެ މަތިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕިއެމް-ޕީއެންސީފެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފައެވެ. ޕީޕީއެމުން ބުނީ ޕްރައިމަރީގައި ވާދަކުރަން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވަގުތު ވެސް އިއުލާންކުރާނެ ކަމަށް އެކޯލިޝަނުން މައުލޫމާތުދެއެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޕީޕީއެމް-ޕީއެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން