ސަރުކާރު ވައްޓާލަން އުޅެނީ އިންތިހާބުން ބަލިވާނެކަން އެނގޭތީކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެނެސް، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ އެމްޑީޕީން ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ސަރުކާރު ހިންގާ ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ބަންޑާރަ އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލުކަމަށްވާ އާޒިމާ ވިދާޅުވީ އިންތިޚާބުތަކުން ބަލިވާނެކަން އެނގުނީމާ ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި މޮޅުވުމަކީ ދަނޑުމަތީގައި މޮޅުވުންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ ނާއިބު، މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެކަނިކަމަށެވެ. އަދި ވޯޓް އޮފް ނޯ ކޮންފިޑެންސްއާއި އިމްޕީޗްމަންޓްއަކީ ތަފާތު ދެކަމެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.



އާޒިމާ ވިދާޅުވީ ވޯޓް އޮފް ނޯ ކޮންފިޑެންސްއާއި އިމްޕީޗްމަންޓްގެ ތަފާތު ނޭނގޭ ބަޔަކު ގަވާއިދަކުން ދުސްތޫރު ބަދަލުކުރަން ހިފީމާ އެނގެނީ ޤާނޫނީ ވިސްނުމުގެ ބަލިކަށިކަންކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ބަލަންޖެހޭއިރު، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށް މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ނިންމާފައެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށްވާ 87 މެންބަރުންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މަޖިލީހުގެ މިހާރު ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާ އާންމު ކޮމެޓީއަށް ހުށައެޅި އިސްލާހު މިހާރު ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން