ރައީސުލްޖުމުހޫރިއްޔާ މަގާމުން ވަކިކުރުމާއި ގުޅުންހުރި މާއްދާތަކެއް ބަދަލު ކުރި ނަމަވެސް ވެރިކަން ވައްޓާލުމުގެ މަޝްވަރާ އެއް ކުރަމުން ނުދާ ކަަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށް މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ނިންމާފައެވެ. ކުރިން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށްވާ 87 މެންބަރުންނަށެވެ. މަޖިލީހުގެ މިހާރު ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާ އާންމު ކޮމެޓީއަށް ހުށައެޅި އިސްލާހު މިހާރު ވަނީ ފާސްކޮށްފައެވެ.

"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އާންމު ކޮމެޓީއަށް ހުށައެޅީ މަޖިލީހުގެ ކޯރަމްއާއި ގުޅޭ އިސްލާހެއް ކަމަށާއި އެކަމާއި ރައީސުލްޖުމުހޫރިއްޔާ މަގާމުން ވަކިކުރުމާއި ގުޅުމެއް ނެތް ކަމަށް ޝިފާޢު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ރައީސާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް އިސްލާހުތަކެއް ހުށައަޅާފައިވަނީ އެމްޑީޕީއަކުން ނޫން ކަމަށެވެ. އެގޮތުން އެ އިސްލާހުތަށް ހުށައެޅީ ދަ ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމަށް ޝިފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މަގާމުން ވަކިކުރުމާއި ގުޅުންހުރި މާއްދާތަކެއް ބަދަލުކުރި ނަމަވެސް ވެރިކަން ވައްޓާލުމުގެ އެއްވެސް މަޝްވަރާ އެއް އެމްޑީޕީގެ ތެރޭގައި ހިނގަމުން ނުދާ ކަމަށެވެ.

"އެމްޑީޕީގެ ތެރޭގައި އެކަހަލަ މަޝްވަރާ އެއް ނުވެއް ހިނގާ، ރައީސްގެ އިމްޕީޗްމަންޓާއި ގުޅޭ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ބަލާނެ ގޮތަށް ގަވާއިދަށް ގެނެވެނު އިސްލާހަކީ ކޮންމެހެން އިމްޕީޗްމަންޓަކާއި ގުޅުންހުރި ކަމެއް ނޫން."ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވާފައިވާތީ ކޯރަމް ހަމަކުރުމާއި ވޯޓުތައް ނަގާއިރު ކޯރަމް ހަމަކުރަން ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޯރަމްގެ މައްސަލަ ދިމާވެ މަޖިލީހުގެ ޖަލްސާތައް ވެސް ފެށުން ލަސްވާ ކަމަށާއި އެހެންކަމުން މެމްބަރުންގެ އަދަދު ގުނާގޮތަށް އިސްލާހު ގެނައީ އެކަން ހައްލު ކުރަން ކަމަށް ޝިފާއު ވިދާޅުވިއެެވެ.

އާންމު ކޮމެޓީއަށް ހުށައެޅި އިސްލާހުތައް މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ ފުރުސަތު އެމްޑީޕީއަށް އޮންނާނެއެވެ. އެއީ އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓު ކަމަށް ވާތީއެވެ. ކުރިން އޮތްގޮތުން ރައީސް އާއި ނާއިބް ވަކިކުރަން 58 މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން