ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފޮޓޯފުޅު ކެމްޕެއިންގައި ބޭނުން ނުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން 500 ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިގޮތަށް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން މިވޭތުވެދިޔަ މަހެއްހާ ދުވަބުގެ ތެރޭގައިވެސް ރައީސް ޔާމީން މިިނިވަން ނުވާތީ އެކަމުގައި ފާޑުވިދާޅުވަމުންނެވެ. ޔާމީން މިނިވަންކުރެއްވުމަކީ ރައީސް މުޢިއްޒުގެ ކެމްޕެއިންތަކުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދެއް ކަމުން އެމަނިކުފާނު ހުވާ ކުރެއްވިފަހުން އެއް މަސް ދުވަސް ފާއިތުވީއިރުވެސް ޔާމީން މިނިވަންވަޑައިނުގަންނަވާތީ މަލީހް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެހާ އަރިސްކޮށް އުޅުއްވި ބޭފުޅަކު ބަންދުގައި ބާއްވައިގެން ނިދަން އެނދަށް އަރާވަޑައިގަންނަވަނީ ކިހިނެއްތޯ ވިދާޅުވެ މަލީހު ވަނީ ސުވާލު އުފައްދަވާފައެވެ.



މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ވަނީ ޕީޕީއެމް ޕީއެންސީއިން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގޭ ބަންދަށް ބަދަލުކޮށްފައެވެ. ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިޢުނާފް މައްސަލާގައި ގޮތެއް ނުނިންމަނީސް ހައި ކޯޓް ވަނީ ރިސެސްއަށް ގޮސްފައެވެ. ހައިކޯޓު ރިސެސްއަށް ގޮސްފައިވާއިރު ކުރީގެ ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެ މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.

ހައިކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، އެކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤަވާއިދު ލާޒިމުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން