ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބެހެއްޓެވުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސްއާއި އުކުޅަހު ކައުންސިލާއި އ.ތ.މ. ކޮމެޓީ އަދި އެރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި އުކުޅަހުގެ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވުމުގެ ކުރިން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅޭ ބިލްބޯޑް ވެސް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވައި އެކަމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

މި ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓްގެ ސުކޫތެއް ގެނެސްފައި ވެއެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ކުޑަކުދިންނަށާއި ރާއްޖެއަށް ދަތުރުކުރާ ކުޑަކުދިންނަށް ރާއްޖެއަކީ ރައްކާތެރި އަމާން މާހައުލަކަށް ހެދުމާއި، ދިވެހި މުޖްތަމަޢުއަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ހޭލުންތެރިވެފައިވާ މާހައުލަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން މުޖްތަމަޢުގެ ހުރިހާ ފަރާތްތަކަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލާ ބަޔަކަށް ހެދުމާއި ކުޑަކުދިންނަކީ އާއިލާތަކާއެކު އުފާވެރި އަމާން މާހައުލެއްގައި އުޅެވޭ ކުދިބަޔަކަށް ހެދުންވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 20 ވަނަ ދުވަހެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށް އުކުޅަހުގަޔާއި އއ. އަތޮޅުގައި މި މަހުގެ 12އިން 21 އަށް ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހިންގަން ރާވާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޗިލްޑްރަންސް އާޓް އެގްޒިބިޝަން، ޗައިލްޑް ސޭފް ޓުއަރިޒަމް، ރަށުތެރެ ސާފުކުރުން، ފަންރަން އަދި މޫދުކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން