ހަތަރު ލައްކަ ރުފިޔާގެ މުދާ ވަގަށް ނެގި މައްސަލައެެއްގައި ތުހުމަތުކުރެވޭ މީހަކު ދިހަ ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހަތަރު ލައްކަ ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އެމީހާ ވަގަށް ނެގި މުދަލުގެ އަގު 4 ލައްކަ ރުފިޔާއަށް އަރާކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ހެކި ގަރީނާ ފުލުހުން ހުށައަޅާފައިވާ ކަމަށާއި އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހެކިންނާއި ތުހުމަތުކުރެވޭ ފަރާތްތަކުގެ ބަޔާންގެ އިތުރުން ސީސީޓީވީގެ ސްނެޕް ރިޕޯޓް ފުލުހުން ހުށައަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ އެމައްސަލައިގެ ތުހުމަތުކުރެވޭ މީހާ އާއި ސުވާލުކުރުމުން އަންހެނުން އުޅެނީ ވިހައިގެން ކަަމަށާއި އޭނާއާއި އަޅާލާނެ މީހަކު ނެތް ކަމަށް އެމީހާ ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާ އެންމެ ފުރަތަމަ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެހެން ނަމަވެސް ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުލުހުން އެ މީހާ ހައްޔަރުކުރީ ފޯނުން ކޯޓް އަމުރު ދައްކައިގެން ކަމަށާއި އަމުރު އަތަށް ދީފައިނުވާ ކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭގެފަހުން ފުލުހުން އެމީހާ ހައްޔަރުކުރީ ކްރިމިނަލް ކޯޓުން އިތުރު އަމުރެއް ހޯދައިގެން އިއްޔެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން