މިއަދު ބޭއްވި 3 ރަށެއްގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެެވެ.

މިއަދު ބާއްވާފައިވަނީ ހއ. ކެލާ، ނ.މާފަރު، މާފަރު އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހަންޏާމީދޫ ބައި-އިލެކްޝަނެވެ.

މިއަދު ހެދުނު 08:00 ގައި ފެށި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދިޔައީ ހަވީރު 16:00 އާ ހަމައަށެވެ.

ބައި-އިލެކްޝަންތަކުގެ ތެރެއިން އެއް ބައި-އިލެކްޝަން ފިޔަވައި ދެން ހުރި ހުރިހާ ބައި-އިލެކްޝަނެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަން ފާހަގަކުރެވެއެވެ.

އެގޮތުން ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގައި ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ހެޕީ/ހއ. ކެލާ، ޚަދީޖާ މައުރިފާ އަދި އެމްޑީޕީގެ ފަރާތުން އަރާއިރު/ހއ.ކެލާ، ޙައްވާ ސުދާއެވެ. އެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު މައުރިފާއަށް 402 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ސުދާއަށް ލިބިވަޑައިގެންނެވީ 367 ވޯޓް ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ.

މާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގައި ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ފަޅޯމާގެ/ނ.މާފަރު މުޙައްމަދު އަބޫބަކުރު އަދި އެމްޑީއޭގެ ފަރާތުން ދޮންކެ/ނ.މާފަރު މުސްލިމް މުޙައްމަދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް 239 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 90 ވޯޓެވެ.

މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން އައްސޭރި/ނ.މާފަރު މަރްޔަމް ޝާޠިރާއާއި އެމްޑީޕީގެ ފަރާތުން އިރުޝާދުވިލާ، ނ.މާފަރު އަސްރާރު ޙަސަނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް 217 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 113 ވޯޓް ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާ އިން ދައްކައެވެ.

ހައްޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ވަޙީދުއެވެ.

މިއަދުގެ ބައި-އިލެކްޝަންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ ބައި-އިލެކްޝަން ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން