ސްޕެޝަލް އިނޮމިކް ޒޯން (އެސްއީޒެޑް) އަށް މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވައިފިއެވެ.

ގެޒެޓުގައި އާންމުކޮށްފައިވާ މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، އެސްއީޒެޑްގައި ނުވަ ދާއިރާ އަކުން އިންވެސްޓް ކުރާ ގޮތަށް ކަނޑައެޅިފައިވެއެވެ. އެސްއީޒެޑްގެ ޤާނޫނު ވުޖޫދުވީ 2014 ވަނަ އަަހަރުގައެވެ. މި ޤާނޫނުގައި ބުނާގޮތުން ނަމަ އެސްއީޒެޑްގެ އިންވެސްޓްމެންޓްގެ ދާއިރާތަކާއި އޭގެ އަދަދުތައް ކަނޑައެޅުއްވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެެ.

.އެސްއީޒެޑްގެ ތެރެއިން އިންވެސްޓް ކުރެވޭނެ ދާއިރާތަކަކީ:

1. އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތައް

2. ޓްރާންސްޝިޕްމެންޓް ޕޯޓާއި އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓު، އެއާޕޯޓު، ބަލްކް ބްރޭކިން، ބަންކަރިން އާއި ޑޮކިން ސާވިސަސް

3. ޔުނިވާސިޓީ، ޓާޝާރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީ

4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

5. އިންޓަނޭޝަނަލް ފައިނޭންސް ސާވިސަސް

6. އިޔާދަ ކުރަނިވި ހަކަތަ

7. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމު ކުރުމަށް ހިންގޭ މަސައްކަތް

8. ފުޑް ސެކިއުރިޓީގެ ދާއިރާ

9. ގޭސް އެކްސްޕޮލޮރޭޝަންގެ މަސައްކަތް

ރައީސް ނެރުއްވި ގަރާރުގައި ވަނީ އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާއެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން ހާމަކުރައްވާނެ ކަމަށް ބަޔާންކުރައްވާފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން