އައްޑޫ ސިޓީގެ ތަރައްގީގެ ބަހުސެއްކުރާ ނަމަ އެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކަވާ އެއްބޭފުޅަކި އައްޑޫ ސިޓީ ހުޅުދޫއަށް އުފަން ސ.ހުޅުދޫ ނޫރީގޭ އަހްމަދު ޝަރީފު (ސައިރިކްސް ޝަރީފް) އެވެ. އިނގިރޭސި ވިލާތުން މަތީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ޝަރީފު އައްޑޫ ހުޅުދޫގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތައް ހަދައިދިނުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރައްވަން މިހާރު ވަނީ ނިންމަވާފަ އެވެ.

ސަރުކާރާގެ ވައުދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ވަކާލާތު ކުރައްވާ އަދި އަދުގެ ސަރުކާރާއެކު މަސައްކަތް ކުރައްވާ މެމްބަރަކަށް ވެވަޑައިގަތުމަށް އެމްއެންޕީގެ މެމްބަރު ޝަރީފު ވާދަކުރައްވަނީ އަންނަ ޖަނަވަރީ 20 ވަނަ ދުވަހު އެމްއެންޕީއާއި ޕީޕީއެމް އަދި ޕީއެންސީ އެއްކޮން ބާއްވާ މަޖިލިސް ޕްރައިމަރީގަ އެވެ.

މާސްޓަރސް އޮފް ސައިންސް އިން އިންޓަނޭޝަނަލް މެނޭޖުމަންޓް އަދި ޕޯސްޓް ގްރެޖުއެޓް ސަރޓްފިކެޓް އިން މެނޭޖްމެންޓް ހާސިލް ކުރައްވާފައިވާ ޝަރީފު ފަދަ ތައުލީމީ އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާ ހޯދާފައިވާ އެހެން ކެންޑިޑޭޓަކު މި ޕްރައިމަރީގައި ވާދަ ނުކުރައްވާކަން ކަށަވަރެވެ. އެހެންވކަމުން މި ޕްރައިމަރީގައި ވާދަކުރައްވާ އެންމެ ގާބިލު އެއްބޭފުޅަކީ ޝަރީފު ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ.

ޝަރީފަކީ މިއަދުވެސް މަތީ ތައުލީމާއި މަސައްކަތުގެ ހުނަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްތަކުގައި ދެގޮތެއް ނުވެ ދެމި ހުންނެވި ބޭފުޅެެކެެވެ. މީގެ އިތުރުން ގެދޮރުބިނާކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތުގައި ޝަރީފުގެ ބައިވެރިވުން ވަކިން ކުޑައެއް ނޫނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޝަރީފުގެ ޚިދުމަތް ނުލިބޭ ވަކި ދާއިރާ އެެއް ނެތޭ ދެންނެވުމީ ކުށަކަށް ނުވާނެއެވެ. އެކަމަށް ހުޅުދޫ ދާއިރާގެ ރައްޔިތުން ވެސް ހެކިވެމާނެއެވެ.

އެމްއެންޕީގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ޝަރީފު މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާއިރު އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމާއި ބެހޭ އެންމެ މަތީ މަޖިލީހާއި ސަރުކާރުގެ އެކި ކޮމެޓީތަކުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ވެސް ޝަރީފު ކުރެއްވިއެވެ. ސްޓެލްކޯގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ޝަރީފް އައްޑޫ ހުޅުދޫ ދާއިރާއަށް ނުކުންނަވަނީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ކަންތައްތަކެއް، ޚިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމާއި އުއްމީދާ އެކު އެވެ.

"ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން އަހުމަދު ޝަރީފް ވިދާޅުވީ އޭނާ ޕީއެންސީ، ޕީޕީއެމް، އެމްއެންޕީ ޕްރައިމަރީގައި، ވާދަކުރައްވައި މަޖިލީހުގެ ގޮނޑި ހޯއްދަވަނީ ހުޅުދޫ ރައްޔިތުންނަށް އުފާވެރި އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުމަށް ގާނޫނު ހަދާ މަޖިލީހުގައި ވަކާލާތުކޮށްދެއްވުމަށް ކަމަށެވެ.

ޝަރީފް ވިދާޅުވާގޮތުން ވޭތުވެދިޔަ 15 ވަރަކަށް އަހަރު ހުޅުދޫ ދާއިރާއަށް ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެެވެ. އާބާދީގެ ނިސްބަތަށް ބަލައި ރައްޔިތުން ވަނީ އަސާސީ ޚިދުމަތްތަކުން މަހުރޫމްކޮށްފައެެވެ. އެކަންކަން ބަދަލުކުރުމުގެ އަޒުމުގައި ހުޅުދޫ ދާއިރާއަށް ނިކުންނެވި ޝަރީފްގެ ތަރައްގީގެ ބޮޑު ތަސައްވަރެއް އެބައޮތެވެ.

ޝަރީފް ގަބޫލު ކުރައްވާގޮތުގައި އާބާދީ ކުޑަވުމަކީ އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމްކޮށް އެހައްގު ހޯދަން ރައްޔިތުންނަށް ބުރަ އާއި ތަކުލީފް ޖައްސަން ޖެހޭ ސަބަބެއް ނޫނެެވެ. އެެހެންކަމުން ރައްޔިތުން ސިއްހީ ފަރުވާ ހޯދަން މިހާރު އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ހުޅުދޫ ދާއިރާގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމްކޮށްދިނުމަކީ ޝަރީފްގެ އަމާޒެކެެވެ.

ހުޅުދޫ ދާއިރާގައި ޑްރަގުގެ ވަބާއާއި ކުށް ކުރުން އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމާއި އެކު ހުޅުދޫ ދާއިރާގެ ލޯކަލް އިގްތިސާދެއް ބިނާކުރުމަށް ބްރިޖް އެޅުމާއެކު ޝަރީފް ގެންގުޅުއްވާ ވިސްނުމަކީ އެ ދާއިރާގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން ޔަގީނެެވެ.

ހުޅުދޫ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދާދިނުމަށް މިއަދު ޝަރީފް ނުކުމެ އެ ހުންނެވީ ހުޅުދޫ ރައްޔިތަކަށްވީތީ ފަރުދީ ޒިންމާ އަދާކުރުމުގެ ނިޔަތުގަ އެވެ.

"އަޅުގަނޑަށް ފެންނަނީ އެތަނުގެ ތަރައްގީ، އެ ތަރައްގީ ފެންނާތީ އޭގައި ހަގީގީ ކުލަޖައްސަން އަޅުގަނޑުގެ ސިކުނޑީގައި ހުރި ހިޔާލުތަކާއި ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައި ލޮބީކޮށް މިހާރު ލިބިފައި ހުރި ވަގުތު ހުޅުދޫ ރައްޔިތުންނަށް ދޭން ބޭނުންވަނީ." ދާއިރާއަށް ކުރިމަތިލެއްވި ސަބަބު ހާމަކުރައްވަމުން ޝަރީފް ރަސްއޮންލައިން އަށް ވިދާޅުވެދެއްވިއެވެ.

ދާއިރާގެ ތަރައްގީގެ އާ އުސްމިންތަކަކަށް އަބަދުވެސް އުއްމީދު ކުރައްވާ ޝަރީފު ވަނީ މަޖިލިސް މެމްބަރުކަމުގައި އެ ދާއިރާއަށް އޭނާގެ އަމިއްލަ ހަރަދުގައި ކޮށްދެއްވާނެ ކަންތައްތަކެއްވެސް އާއްމުކުރައްވާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ..

- ރަށުގައި އަމިއްލަ ހަރަދުގައި ހިނަވާގެއެއް ހަދައިދިނުން

- ރަށުގައި ކުޑަކުދިންގެ ތީމް ޕާކެއް ހަދައިދިނުން

- ރަށުގެ ކުދިނަށް އަހަރަކު މަދުވެގެން 5 ސްކޮލަޝިޕް ސައިރިކްސް ކޮލެޖުން ހޯދާދިނުން

- ރަށުގެ ރައްޔިތުންގެ ތެރެއިން ފޯރުންތެރިކަން ކުޑަ ރައްޔިތުން ކުއްލި ހާލަތުގައި މާލެ އައިސް ތިބެވޭނެ ކޮޓަރިއެއް ހަމަޖައްސައިދިނުން

- މެމްބަރު ކަމަށް ހޮވުމާއެކު ސ.ހުޅުދޫ ދާއިރާގެ މެމްބަރުގެ އޮފީސް ހުޅުދޫގައި އަދި މާލޭގައި ގާއިމުކޮށް ހިދުމަތްދިނުން

- ތަމްރީންތަކާއި ވޯކްޝޮޕްތައް ހާއްސަކޮށް ޒުވާނުންނަށާއި އިޖްތިމާއީ ދާއިރާތަކުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ހިންގައިދިނުން

- ހުޅުދޫގައި ތިބި ޓޫރިޒަމް ދާއިރާއި އެކްސްޕާޓުން ހިމެނޭހެން ހުޅުދޫ ޓޫރިޒަމް ހިމެނޭހެން ޓޫރިޒަމް އެސޯސިއޭޝަން އުފައްދައި ހުޅުދޫ އާއި އައްޑޫ ޓުއަރިޒަމް ކުރިއަރުވަން މަސައްކަތްކުރުން

- ހުޅުދޫ މީހުންގެ ފަޚުރުކަމަށްވާ ހުޅުދޫ ސްކޫލު ހިންގާނެ ގޮތް ހަދައި ނާސަރީ ތައުލީމުގެ ކުދީން ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ހަމަޖައްސާދިނުން

މީގެ ކުރިން ޝަރީފުވަނީ އޭނާ މަސައްކަތްކުރެއްވި ކޮންމެ ދާއިރާ އަކުން ނަތީޖާ ނެރެދެއްވާފަ އެވެ. ޝަރީފް ހުންނެވީ އައްޑޫގެ ހުރިހާ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން ތައްޔާރަށެވެެ. ޝަރީފް ދެކެވަޑައިގަންނަވާގޮތުގައި ހުޅުދޫ ދާއިރާއަށް މިއަދު ބޭނުންވަނީ "ދެމެހެއްޓެނެވި" ތަރައްގީއެެވެ. އެ ބަދަލު ގެނައުމުގެ ފުރުސަތު ޝަރީފަށް ރައްޔިތުން ދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާއަށް މިއަދު އެބައޮތެވެ. އެ ފުރުސަތު ޝަރީފަށް ލިބެން އަންނަނީ ޕީޕިއެމް-ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުވެގެންނެެވެ.

"ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ ތައުލީމީ ގާބިލް މީހުންނަށް ފުރުސަތު ދިނުމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ހުޅުދޫ ދާއިރާ އިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވާއިރު އެބޭފުޅެއްގެ ޓްރެކް ރިކޯޑާއި އިލްމާ ހިލްމަށް ބަަލައި ތައުލީމީ ގާބިލް ބޭފުޅަކަށް މިފަހަރު ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެެ. އަދި ކެންޑިޑޭޓަކު ހޮވުމަށް ވޯޓް ދިނުމުގައި ހަމައެކަނި ސިޔާސީ ފިކުރަށް ބަަލައިގެން ވޯޓް ނުދިނުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

"އެހެންވީމާ އެފަދަ ޓްރެކް ރިކޯޑް އޮތް ތައުލީމީ ގާބިލް މީހަކު ރައްޔިތުންގެ މަޖިލީހަށް ގޮސްގެން ހުޅުދޫގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކައި ވަކާލާތުކޮށް މުޅިގައުމަށް ބޭނުންވާ ގާނޫނުތައް ދިރާސާކޮށް ގާނޫނުތައް ހެދޭނީ. ރައްޔިތުން އެބަޖެހޭ ޕާޓީގެ ފިކުރާ ތަފާތު އެކި ފިކުރުތައް ދޫކޮށްލާފައި ކުރިމަތިލާފައި ތިބި މީހުންނާއި ޓްރެކް ރިކޯޑަށް ބަލާފައި ވޯޓްދީގެން އެތާ އަޅުގަނޑު ބަހައްޓަން." ޝަރީފް ވިދާޅުވިއެެވެ.

ސަރުކާރުތައް ގެނައުމުގައި އައްޑޫގެ ރައްޔިތުންގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް ކިޔަވައިގެން ތިބި އައްޑޫގެ ފަހުރުވެރި ދަރިންނަށް ސަރުކާރުން މަގާމުތައް ނުލިބި ބާކީވުމަކީ ޝަރީފްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެެވެ. އެހެންކަމުން އައްޑުއަށް ނިސްބަތްވާ ހުޅުދޫ ދާއިރާއަށް ނިސްބަތްވާ ތައުލީމީ ގާބިލް ޒުވާނުންނަށް ސަރުކާރުގެ ތެރެއިން އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ޝަރީފް ވަނީ ނިންމަވާފައެވެ.

ޝަރީފް ވިދާޅުވާގޮތުގައި އޭނާ ދެން ބޭނުންވަނީ ހަޔާތުގެ ބާކީބައިގައި އުފަންރަށުގެ ދާއިރާއަށް ހިދުމަތްކުރުމުގައި ދެމި ހުންނަވާށެވެ. އެ ފުރުސަތު ދާއިރާގެ ރައްޔިތުން ދޭނެ ކަމާމެދު ވެސް އޭނާ ޝައްކެއްނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން